

ރާއްޖެއަށް މޫސުން ނުހަނު ގޯސްކޮށް އޮވެފައި މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް ވިއްސާރަ އަލިވި ނަމަވެސް އަނެއްކާވެސް ކުރިއަށް އޮތީ މޫސުން ގޯސް، ވިއްސާރަ ދުވަސްވަރެއްކަން ހާމަވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި ފަސް ދުވަސް ވަންދެން ރާއްޖޭގެ ދެކުނަށް ވައި ގަދަވާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ދެމިގެން ދާނެއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ބުރާސްފަތި ދުވަހުން ފެށިގެން ކުޑަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މީގެ އިތުރުން އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ފަހުން އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާނެއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި މަޑުވާނީ ހުކުރު ދުވަހުން ފެށިގެން ކަމަށްވެސް މެޓުން ލަފާކުރެއެވެ.
މެޓުން ލަފާކުރާގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް، ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.
އުތުރުގެ ރަށްތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީގައި އަތޮޅު ތެރެއަށް ދަތުރުކުރަމުންދާ ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.