

އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރު ކޮށްފައިވާ މީހަކު ބިރު ދައްކައިގެން ފޭރުނު މައްސަލައެއްގައި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިހުކުމް ކޮށްފައިވަނީ އިއްޔެއެވެ.
މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހު މާލޭގެ ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން، އެ ފިހާރައިގެ ވަތްގަނޑުގައި ހުރި 700ރ. ފޭރުނު މައްސަލާގައި ދައުލަތުން ދައުވާކުރީ އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކުރި ހ. ރެދަން، ފަވާޒް ކަޅުތުއްތުގެ މައްޗަށެވެ.އެ މައްސަލާގައި ފަވާޒުގެ މައްޗަށް ކުރީ ފޭރުމުގެ ދައުވާ އާއި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެވެ.
އެ މައްސަލާގައި ދެ ދައުވާއަށް ވެސް އޭނާ އިއުތިރާފްވުމުން ފޭރުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އޭނާއަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އަދި ތޫނު ހަތިޔާރު ގެންގުޅުނު ކުށުގައި އޭނާއަށް ހަ މަސް ދުވަހުގެ ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހެނީ ތިން މަހުގެ ޖަލު ހުކުމެކެވެ.