

ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި "ގުރުވަ 1" ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިވެއްސަކާއި ދެ ބިދޭސީންނާއެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ އޮގަސްޓް 1 ވަނަ ދުވަހުގެ 23:24 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާފައި ކަމަށް މައުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.