

ދަރަނީގެ ދަންތުރާއިން ޤައުމު ސަލާމަތްކުރަންޏާ ޙަރަދު ކުޑަކުރަންޖެހޭ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ ޗެނަލް13 އިން ގެނެސް ދިން އަހަރުމެންގެ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ދިވެހިރާއްޖެ މިއޮތް އުނދަގޫ މަރުހަލާއިން ދިވެހިރާއްޖެ ނުކުންނަން ބޭނުންވަންޏާ ޖެހޭނީ ސްރީ ލަންކާއިން އަޅަމުންގެންދާ ކަހަލަ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ކަމަށެވެ.
ފުަރަތަމަ ކަމަކަށް ސަރުކާރުގެ ހަރަދު ކުޑަކުރަންޖެހޭ. ސަރުކާރުގެ ސައިޒް ކުޑަކުރަން ޖެހޭނެ. ޕާލިމެންތް ކުޑަކުރަން ޖެހޭނެ. ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރަން ޖެހޭނެ،އިދާރާތައް މަދުކުރަން ޖެހޭނެ. މިހުރިހާ ކަމެއް ކުރަންޖެހޭނެ އަޅުގަނޑުމެން. މި ރިފޯމް އަޅުގަނޑުމެން ނުގެނެއްސިއްޔާމުން އަޅުގަނޑުމެން މި ދަރަނީގެ ވަލުގަނޑަކަށް އަޅުގނަޑުމެން ވެއްޓި ހަލާކުވެގެންދާނީ. މިއަހަރު އެކަނިވެސް އަލުގަނޑުމެން 600 މިލިއަން ޑޮލާސް އެބައޮތް ދައްކަން ގާތްގަނޑަކަށް. އަދި ނުދެއްކޭ އަޅުގަނޑުމެނަނަކަށް އިނގޭތޯ. ދެބައިކުޅަ އެއްބައިވެސް ނުދެއްކޭ އަޅުގަނޑުމެންނަކަށް.
އުމަރު ވިދާޅުވީ މިއަހަރު އެކަނި ގާތްގަނޑަކަށް އެއް ބިލިޔަން ޑޮލަރުދައްކަން ޖެހޭ ކަމަށާއި އަދި މިއަންނަ އަހަރުވެސް 1.2 ބިލިޔަން ޑޮލަރު ދަރަންޏައް ދައްކަން ޖެހޭ ކަމަށެވެ. ޙަރަދު ކުޑަ ނުކޮށްފިނަމަ ދަރަނީގެ ދަންތުރާއިން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. ބޭކާރު ޕްރޮޖެކްޓުތައް ހުއްޓާލާ އަނެއްބައި ޕްތޮޖެކްޓުތައް ދެ އަހަރު ތިން އަހަރު ވަންދެން ސަސްޕެންޑް ކޮށްފައި ބާއްވައި، ޑަބަލް ޕެންޝަންވެސް އުވާލަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. މި ރިފޯމްތައް ނުގެނެއްސިއްޔާ ރާއްޖޭގެގެ އިޤްތިސާދު ފުނޑުފުނޑުވެގެންދާނެ ކަމަށް އުމަރު ވަނީ ފާހަގަކޮށްފައެެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް އެމީހުންގެ އިޤްތިސާދު ރަނގަޅުކުރުމައްޓަކައި އެޅި ފިޔަވަޅުުތައް އެޅުން ނޫން ގޮތެއް ނޯންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.