theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު / މަޖިލިސް
ސިޔާސީ
ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް ދައުރުވަމުންދަނީ ސައްހަ ރިޕޯޓެއް
Sudha Latheef
ސުދާ ލަތީފް
03 އޯގަސްޓު 2025
މާލެ ސިޓީ

ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ ރިޕޯޓެއްކަން ކަށަވަރު ކުރެވިއްޖެއެވެ.

ސޯޝަލް މީޑިއާގައި 24 ގަނޑުގެ މި ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ. އެފްއައިޔޫއިން މި މައްސަލަ ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.

ކަމާގުޅުން ހުރި އިދާރާތަކުގައި މަސައްކަތް ކުރާ, މި ރިޕޯޓުގެ މައުލޫމާތު އެނގޭ މީހުން ވަނީ މިއީ ސައްހަ ރިޕޯޓެއްކަމަށް ބުނެފައެވެ. ނަމަވެސް، އެ ރިޕޯޓާ ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގިފައެއް ނުވެއެވެ.

އެ ރިޕޯޓު ލީކުވުމުން ޝުޖާއު ވިދާޅުވި ގޮތުގައި އޭނާއަށް އެ ކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާތީ އެއީ އަސްލެއް ނުވަތަ ފޭކެއް ކަން ދަންނަވަން ނޭނގެ އެވެ. މި ރިޕޯޓަކީ ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 10، 2024 އަށް ހިނގާފައިވާ މުއާމާލަތްތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ނޮވެމްބަރު 17، 2023 ގައި މުއިއްޒު ހުވާ ކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ. މަޖިލީހުން އެ މަސައްކަތް 22.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ ސިވެކްއާ އެވެ.

ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ ފަސް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ހަރަދުވާތީ ޓެންޑާ މަރުހަލާއަށް ނުގޮސް ހަވާލު ކުރުމަށެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޓެންޑާއަށް ނުލައި މަސައްކަތް ހަވާލު ކުރެވެ އެވެ. ސިވެކްގައި ސަރުކާރުގެ 10 ޕަސެންޓް ހިއްސާ އޮވެ އެވެ.

ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް ސިވެކަށް މުޅި ޖުމަލަ އަދަދު ޖަމާވީ ޑިސެމްބަރު 10، 2023 ގަ އެވެ. ސިވެކަށް ޖަމާވީ ފައިސާގެ ތެރެއިން 19.7 މިލިއަން ރުފިޔާ ޖަމާކުރީ ތިން ކުންފުންޏަކަށެވެ.

އެއީ އޮފިޝަލް އިވެންޓްސް، ޑީޖީ ހޯލްޑިންސް އަދި ކުއިކް ޝުއާ އެވެ. އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން، ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ސިވެކުން ޖަމާކުރި އެވެ.

ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް ސިވެކުން ޖަމާކުރި 13.1 މިލިއަން ރުފިޔާގެ ތެރެއިން 8 މިލިއަން ރުފިޔާ ހޭދަކުރީ ދެ ހިއްސާދާރުންނަށް ލަގްޒަރީ އެޕާޓްމަންޓް ގަންނަން ކަމަށް އެފްއައިޔޫގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ޖުމުލަ އަދަދުގެ 14.46 ޕަސެންޓް ފައިސާ ޖަމާކުރީ ކުންފުނީގެ އެއް ހިއްސާދާރު ޝުޖާއުގެ އެކައުންޓަށެވެ.

އޮފިޝަލް އިވެންޓްސްގެ 50 ޕަސެންޓް ހިއްސާ އޮންނަނީ ޝުޖާއުގެ ނަން މަތީގަ އެވެ. އޭރު އޭނާ ހުންނެވީ މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ މެންބަރުގެ މަގާމާއި ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ކުއިކް ޝުއާ ރަޖިސްޓްރީ ކޮށްފައިވަނީ ޝުޖާއުއާ ދެބެންގެދެދަރި ކޮއްކޮއެއް ކަމަށްވާ މުހައްމަދު ނާފިޒުގެ ނަންމަތީގަ އެވެ. އޭނާއަކީ މި ސަރުކާރުގެ ޔޫތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކެވެ.

ރިޕޯޓުގައިވާ ގޮތުން ނޮވެމްބަރު 2، 2022 އިން ފެށިގެން ނޮވެމްބަރު 7، 2023 އާ ދެމެދު ކުއިކް ޝުއާއަށް މާލެ ސިޓީ ކައުންސިލުން 10.5 މިލިއަން ރުފިޔާ އެކި މަސައްކަތުގެ އަގުގެ ގޮތުގައި ދީފައިވެ އެވެ. އޭރު މޭޔަރަކަށް ހުންނެވީ މުއިއްޒު އެވެ.

މުއިއްޒު ވެރިކަމަށް އައުމަށް ފަހު ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސް ކުންފުންޏަށް ފައިސާ ޖަމާކޮށްފައިވެ އެވެ. އެފްއައިޔޫގެ ރިޕޯޓުން ބުނާ ގޮތުގައި 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ސަރުކާރުގެ އެކި ކުންފުނިތަކުން ޖަމާކޮށްފައިވެ އެވެ. މީގެ ތެރެއިން ގިނަ މުއާމަލާތްތައް ހިނގާފައި ހުރީ ޑިސެމްބަރު 2023 އާއި ޖެނުއަރީ 2024 އާ ދެމެދު އެވެ.

އެ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި އެމްއޭސީއެލް ހިމެނެ އެވެ. ބެލެވޭ ގޮތުގައި މިއީ ތަފާތު އިވެންޓްތައް ބޭއްވުމަށް އިވެންޓް މެނޭޖަރެއްގެ ގޮތުގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ އެވެ. އޮފިޝަލް އިވެންޓްސްއަކީ ރާއްޖޭގައި އިވެންޓް މެނޭޖު ކުރުމުގެ ހިދުމަތް ދޭ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

މި މުއަމަލާތްތައް "ފަށަލަކޮށް" އެ ފައިސާ އެކި ގޮތްގޮތަށް ދައުރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެއީ އިތުރަށް ތަހުގީގު ކުރަން އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ.

އެފްއައިޔޫގެ ރިޕޯޓުތައް ދޭތެރެދޭތެރެއިން ލީކުވި ނަމަވެސް މިހާތަނަށް މިފަދަ މައްސަލަތަކުގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ދައުލަތުގެ އިދާރާތަކުން އަޅާފައި ނުވެ އެވެ.

މި ރިޕޯޓުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ޝުޖާއު ލިޔުއްވި އެވެ. އެއީ އެކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާއާ ހިއްސާކޮށްފައި ނެތުމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިއީ ސައްހަ ލިޔުމެއް ނަމަ އޮތީ ކުންފުންޏަށް ގެއްލުން ދިނުމަށް އޮޅުވާލައިފައިކަމަށް ޝުޖާއު ވިދާޅުވިއެވެ. އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރި ގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި ޝުޖާއު އަށް ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމުގައި ދެކޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޮފިޝަލް އިވެންޓްސް ކުންފުންޏަކީ ރާއްޖޭގެ ގާނުނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ. ކުންފުނި ވުޖޫދުވުމަށް ފަހު ކޮންމެ ސަރުކާރެއްގައި ވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ހިންގާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިހާތަނަށް ވެސް އޭނާ އާއި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން ވެސް މިއަދާ ހަމައަށް ވެސް އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ސާފުކޮށް، މައްސަލައެއް ބަލާފައި ނުވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. މައްސަލައެއް ބަލަން ޖެހޭނަމަ ތަހުގީގު ކުރުމަށް ވެސް ޝުޖާއު ވަނީ ގޮވާލާފައެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ޝުޖާއު ވަނީ މިދިޔަ އަހަރު ހުޅުމާލޭގެ ލޮޓު ނަމްބަރު 20339 ޖުމުލަ 9.4 މިލިއަން ރުފިޔާއަށް ގަނެފަ އެވެ. އެ ބިމުގެ ބޮޑުމިނަކީ 2،197 އަކަފޫޓެވެ. އެ ބިން ގަތުމަށް ޖީއެސްޓީ ހިމެނޭހެން ޝުޖާއު ވަނީ އެޗްޑީސީއަށް ޖުމްލަ 9.4 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?