

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ތިންވަނަ ފަހަރަށް މެޓް އޮފީހުން މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ވައިޓް އެލާޓްގައި ބުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، މިރޭ 7:45 އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އެންމެ ފުރަތަމަ ވައިޓް އެލާޓް ނެރުނީ ރޭ މެންދަމު 2:00 އިން ހެނދުނު 8:00 އަށެވެ. އަދި ހެނދުނު 9:45 އިން މެންދުރު ފަހު 1:45 އަށް ވެސް ވައިޓް އެލާޓް ނެރެފައި ވެއެވެ.
މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.