

ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމު ށުޖާއުއާ ގުޅުންބހުރި މަނީ ލޯންޑަރިންއާ ކޮރަޕްޝަންގެ މައްސަތަކެއް ފެންމަތިވުމުން އެ މައްސަލަަތއް ތަހުގީގުކުރާކަން ހާމަކުރި ކަން ފިޔަވާ ދެން އިތުރަށް އެ މައްސަލަ ނުހިނގާނެ ކަމަސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި، އެފްއައިޔޫއިން ރެޑް އެލާޓެއް ނުކުންނަންޖެހޭ ސަބަބަކީ އޭގައި މަނީލޯންޑަރިން ހިމެނޭތީ ކަމަށާ އެކަމަށްޓަަކައި ފުލުހުންގެ ތަހުގީގަށް އެ މައްސަލައެއް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް ޝުޖާއުގެ މައްސަލައިގައި އެމްއެމްއޭއިން ފުލުހަށް އެއް އަހަރުކުރިން މައްސަލަ ފޮނުވި ނަމަވެސް އިން އެއްވެސް ކަމެއް ނުހިނގާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އޭގެ ޒާތުގައި ފުލުހުން ތަހުގީގު ކުރަންޖެހޭނެ މައްސަލައެއަކަށްވާއިރު އެ މައްސަލައިގައި ބަޔަކަށް ނާޖާއިޒު ފައިސާތަކެއް ލިބި އެ ފައިސާއަކީ ސަރުކާރުގެ ތެރެއިން ނާޖާއިޒުކޮށް ނަގާ ފައިސާ ކަމަށެވެ.
މީހެއްގެ އާމްދަނީއާ ނުބައްދަލު ބޮޑު އަދަދެއްގެ ފައިސާ ލިބިފައި އޮތްކަން ބޭންކް ސްޓޭޓްމަންޓުތަކުން ހާމަވާ ނަމަ އެ މައްސަލައިގެ ތަހުގީގެއް ކުރުމަށް އެ މީހާއާ ކުރަން އޮތީ އެންމެ ސުވާލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނާ ބުނުމަށް ވެސް އެެއްވެސް އިތުބާރެއް ނެތް ކަމަށާއި އެ މައްސަލަ ވާނީ "އޯޕެން އެންޑް ޝަޓް ކޭސްއަކަށް" ކަމަށެވެ. މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނަނީ ރިޕޯޓު ލީކުވެ، މައްސަލަ އާންމުންނަށް ފެންމަތިވުމުން އެކަން އޮއްބާލަން ކަމަށް ޔާމީން ވިދާޅުވިއެވެ.
ދެން މިހާވަރަށް މިވާހަކަ ދެކެވެން ފެށީމާ މިހާރު ފުލުހުން ބުނެފި ޝުޖާއު މައްސަލަ ތަހުގީގުކުރަނީއޭ. ދެން މާތް ކަލާކޯ. އެ ތަހުގީގު ކަފުންވެ ނިމުނީ އެހާ ހިސާބުން. އެ ތަހުގީގެއް ދެން ނުއެއް ނިމޭނެ. ނުނިމެންޏަކާ މީނައާ ދޭތެރޭގައި ފިޔަވަޅެއް ނޭޅޭނެ. މިއީ އޯޕަން އެންޑް ޝަޓު ކޭސްއެކޭ އެއްފަދަ ކަމެއް.
މި ސަރުކާރުގައި ކޮރަޕްޝަންއާ މަނީ ލޯންޑަރުން އެއްވެސް މައްސައެއްގެ ތަހުގީގުވެސް ކުރިއަށް ނުދާނެ ކަމަށާ އޭގެ ސަބަބަކީ އެއިން ކޮންމެ ޖަރީމާއަކުން ރައީސް މުއިއްޒަށް ބައި އެޅިފައިވާ ވުން ކަމުގައި ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުސް އޮފީހަށް ހުށަހެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ އެ ރިޕޯޓު މީސް މީޑިޔާގައި ލީކުވެ ރައްޔިތުން އެ ވާހަކަ ދައްކަން ފެށުމުންނެވެ.