

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މުގައްރިރެއްގެ ގޮތުގައި ހުންނަވާ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވެސް އޭނާ ވަކިކޮށްފިއެވެ.
މީގެ ކުރިން އޭނާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ބަދަލުކޮށްފައެވެ. އޭނާ ކޮމިޓީތަކުން ވަކިކުރަމުން މި ދަނީ އޭނާ އާއި މެދު ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝުޖާއު އެސްއޯއީ ކޮމިޓީ އިން ވަކިކުރިކަން ހާމަކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީ އަށް ހަމަޖެއްސީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު އެވެ.
ޝުޖާއު ހަރަކާތްތެރިވާ ކޮމިޓީތައް ބަދަލުކޮށްފައިވާ އިރު، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ފައިސާ ދޮވުމުގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަތައް އޭސީސީ އިން ވެސް ދަނީ ބަލަމުންނެވެ.