theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްޣަނީ މުހައްމަދު / ވިކިޕީޑިއާ
ސިޔާސީ
ސުޕްރީމް ކޯޓުން ވަކިކުރި ޣަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް
Sudha Latheef
ސުދާ ލަތީފް
05 އޯގަސްޓު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ވަކިކުރި އަބްދުލްޣަނީ މުހައްމަދު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ގެނައުމަށް މިއަދު ބޭއްވި ވިހިވަނަ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ރުހުން ދީފި އެވެ.

އެ މަގާމަށް ޣަނީ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ނަންތައް ޖޭއެސްސީން ތަރުތީބު ކުރިއިރު، އެންމެ ކުރީގައި އޮތީ ޣަނީގެ ނަމެވެ. އެ މަގާމަށް ކުރިމަތިލެއްވި ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) ގެ ނަން ދެވަނައަށް އޮތްއިރު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ނަން އޮތީ ތިންވަނައަށެވެ.

ޝުޖާއު އުސްމާން އާއި ޣަނީ ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދާދި ފަހުން ހުސްވި ދެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އެ ދެ މަގާމަށް އައްޔަނުކުރީ ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް، އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު އެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޣަނީގެ ނަން ފާސްކުރީ އިއްޔެ އެވެ. މުއިއްޒުގެ ވެރިކަމުގައި އޭނާއަށް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަން ދީފަ އެވެ.

ޣަނީ އާއި ދެކޮޅަށް ޖޭއެސްސީން ބެލި މައްސަލަތަކުގެ ތެރޭގައި 12 މެންބަރުން ގޮނޑި ގެއްލުވާލުމަށް ސުޕްރީމް ކޯޓުގެ ނެރުނު އަމުރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަބްދުالله ދީދީ ހުންނެވިއިރު ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުން ސުޕްރީމް ކޯޓުން އެކަން ހުއްޓުވުމާއި ޖުޑީޝަލް ކައުންސިލެއް އުފެއްދުން ހިމެނެ އެވެ.

ޣަނީގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން މައްސަލަތައް ބަލައި ފޮނުވި ރިޕޯޓަކަށް ބިނާކޮށް އޭނާ މަގާމުން ވަކިކުރީ ޑިސެމްބަރު 4، 2019 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އޭނާ ވަކިކުރަން 64 މެންބަރުން ވޯޓު ދެއްވި އެވެ. މަގާމުން ވަކިކުރިއިރު ވެސް އޭނާ ހުންނެވީ ސަސްޕެންޝަނުގަ އެވެ.

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ހަތަރު ބޭފުޅަކު ކުރައްވާފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved