

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ ހުރިހާ ދިމާލަކުން ކޮރަޕްޝަން މުއާމަލާތްތައް ހިންގަމުން އަންނަ ކަމަށާއި މުއިއްޒު އާއި ކައިރީގައި އުޅުއްވާ އެއްވެސް މީހެއްގެ މިފަދަ މައްސަލައެއް ނުބަލާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައިވެސް ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ މުއާމަލާތްތައް ކޮށްފައިވާ ކަމަށާއި ފެނަކަ ބަނގުރޫޓުވުމުގެ އެންމެ ބޮޑު ހިއްސާދާރަކީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގައި ފެނަކަ ސައީދުގެ މައްސަލައާއި އަދި މި ސަރުކާރުގެ ފެނަކަ އާއި ހަވާލުވެގެން ހުރި ކުރީގެ އެމްޑީ މުއާޒުގެ މައްސަލަވެސް ބަލާފައި ނުވާ ކަމަށާއި އެ މައްސަލަތަކުގެ ފަހުގެ އަޕްޑޭޓެއްވެސް ރައްޔިތުންނާއި ހިއްސާ ނުކުރާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ފެނަކަ މިހާރު އޮތީ ބަނގުރޫޓްވެފައި. އޭގެ އެންމެ ބޮޑު ހިއްސާދާރަކީ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު،ފެނަކަ ސައީދުގެ ބޮޑެތި ވައްކަން ނުބެލި އޮތީ، މުއާޒު މުހައްމަދު ރަޝީދު މި ސަރުކާރުން މައްސަލަ ނުބެލޭ، ފަޒުލް ރަޝީދު ކުރި ވައްކަން ނެތް ބެލޭކަށް. މުއިއްޒާއި ކައިރީގައި އުޅޭ އެއްވެސް މީހެއްގެ މައްސަލަ ހަމަ ނެތީ ބެލެން
މީގެ އިތުރުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ކޮރަޕްޝަން މައްސަލަވެސް ސާބިތު ނުވާނެ ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށާއި ނަމަވެސް އޭގެ ހަގީގަތް ރައްޔިތުންނަށް މިހާރު އެގިލައްވާނެ ކަމަށް ރައީސް ޔާމީން ހާމަކުރެއްވިއެވެ.
ރައްޔިތުންގެ ތުހުމަތުތައް ބައިވަރު ކަމަށާއި ނަމަވެސް މި ސަރުކާރުން އިންސާފުވެރިކޮށް މިފަދަ މައްސަލަތައް ނުނިންމަވާނެ ކަން ރައްޔިތުންނަށް މިހާރު ޔަގީންވެފައިވާ ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުން ދޭހަވެއެވެ.