ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް) އާ މެދު އިހުމާލުވަމުންދާތީ ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅުގެ އުދާސްތައް ބަންޑުން ޖައްސަވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ހިތްޕުޅުގެ އުދާސްތައް ބަންޑޫން ޖައްސަވާލެއްވީ، އެމަނިކުފާނުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ގްރާސް ރޫޓާ މެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަމަލު ކުރަމުން ގެންދާ އިހާނެތި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ، ހިތާމަ ފާޅުކުރައްވާފައެވެ.
އެގޮތުން އެ މެމްބަރުން ބާކީ ކޮށްލާފައި ބައްޕަޔަކު ނެތް ކުދިންތަކެއް އެކަހެރި ކޮށްލާފައިވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އަޅުގަޑު ޕީޕީއެމްއިން ވަކިވެގެން އައިއިރުވެސް ޕީޕިއެމްގައި ތިބޭނެ ވަރަށް ގިނަ މެމްބަރުން އަދި މިހާރުވެސް ޕީއެންސީއަށް ވުރެ މެމްބަރުން ގިނަ ވާނެކަން އަޅުގަޑަށް ޔަގީން. އެކަމަކު މިއަދު ދެ ނައިބުން ތިއްބެވި ނަމަވެސް އެ ޕާޓިއެކޭ، ބޯ ނެތް ހަށިގަޑެކޭ އެއްފަދައޭ ދަންނަވަން ޖެހެނީ.
ރައީސް ޔާމީން މިފަދައިން ހިތްޕުޅުގެ އުދާސްތައް ބޭރުކުރެއްވިއިރު އެމަނިކުފާނު ޕީޕީއެމް ދޫކުރައްވާ ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ އެމަނިކުފާނަށް ޕާޓީ ހިންގުމަށް ޕާޓީގެ ލީޑާރޝިޕުން ދަތިކުރަމުން ގެންދިއުމާ ގުޅިގެންނެވެ.