

ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ސިފްކޯ ފްލެޓެއްގެ ތެރެއިން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރާއިރު، އެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ދިރިއުޅޭ ފްލެޓާއި އޭނާއާ ގުޅުންހުރި އިތުރު ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ވަނީ ފެނިފައެވެ.
އޭނާ ދިރިއުޅޭ ސިފްކޯ ފްލެޓްގެ ތެރެއިން ފެނުނު ތަކެއްޗަށް ވަނީ އިއުތިރާފުވެފަ އެވެ. ނަމަވެސް، ދެން މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާއާ ގުޅުން އޮތް ތަނެއް ނޫން ކަމަށް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ.