theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީންގެ އިލްތިމާސްއެއް: ކައުންސިލް އިންތިހާބަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާ!
Mariyam Isaadha
މަރިޔަމް އިސާދާ
11 އޯގަސްޓު 2025
މާލެ ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވަން ރައީސް އަބްދުﷲ ޔާމީން އިލްތިމާސްކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ކައުންސިލުތަކުގެ ބާރުތައް ހަނިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައި ފާސްކޮށްފައިވާ ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކައުންސިލް އިންތިހާބަށް ވާދަކުރި ނަމަވެސް އަދި އިދިކޮޅުގައި އޮތް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރި ނަމަވެސް ވާނީ ވަކި ސިޔާސީ ފިކުރެއްގެ އަޅުވެތި ކަމަށް ކަމަށެވެ. ވަކި ސިޔާސީ ފިކުރެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ބަދަލުގައި ކުރިމަތި ނުލައްވާ ރަށުގެ ކަންތައްތައް ކޮށްދޭން ތިބި އިހުލާސްތެރި ރައްޔިތުން ކައުންސިލުތަކަށް ކުރިމަތިލާ ނަމަ މިނިވަންކަމާ އެކު ކުރިމަތިލުން ބުއްދިވެރި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރަށުގެ ކަންތައްތައް ކޮށްދޭން ތިބި އިހުލާސްތެރި ރައްޔިތުން ކައުންސިލުތަކަށް ކުރިމަތިލާ ނަމަ މިނިވަނުން ގޮތުގައި ކުރިމަތިލާށޭ. މިނިވަނުން ގޮތަށް ކުރިމަތިލައިގެން ކޮންމެ ބޭފުޅަކު ވެސް ރަށަށް ގެނެވޭނީ ކޮން ތަރައްގީއެއްތޯ ވިސްނަވާށޭ. ޕީއެންސީގެ ކައުންސިލަރެއްގެ ގޮތުގައި އައިސްގެން ތިބޭނީ އަޅުވެތިވެފައި އަދި ރަށުގެ ތަރައްގީއަށް މަސައްކަތެއް ނުކުރެވޭނެ؛ އެކަން މިހާރުގެ ކައުންސިލުތަކުންނާއި މަޖިލީހުން އެބަ ފެނޭ. އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައި އަތުވެއްޖެ ނަމަ ސަރުކާރުގެ ޖެއްސުމާ ހުރެ ރަށުގެ ތަރައްގީއަށް ކަމެއް ކުރިޔަނުދޭނެ. އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ލިބިގެން ވެސް ކަންކަން ދިޔަ ގޮތް ރައްޔިތުންނަށް އޮތީ ފެންނަން؛ މިފަހަރު ވެސް ކައުންސިލުތައް އެމްޑީޕީއަށް ލިބިއްޖެ ނަމަ ބޭނުންވާ ތަރައްގީއެއް ނާންނާނެ. އެހެންވީމާ މީގައި ރަށަށް އެންމެ ކުރިއެރުން ލިބޭނެ ކަމަށް އަޅުގަނޑަށް ވިސްނެނީ، ހަމަ މިނިވަނުން ގޮތުގައި ކައުންސިލުތަކަށް ބޭފުޅުން ކުރިމަތިލައްވައިގެން ރަށުގެ ތާއީދާ އެކު، ރައްޔިތުންގެ ތާއީދާ އެކު މިނިވަން ކެންޑިޑޭޓުންތަކެއް މިފަހަރުގެ ކައުންސިލުތަކުގައި ތިބެން.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލެއްވުމުން ފައިދާތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން ގޮނޑި ގެއްލިދާނެ ކަމަށް ސިޔާސީ ގޮތުން ދައްކާ ބިރުތަކުން ވެސް ސަލާމަތްވާނެއެވެ.

ކައުންސިލު މެމްބަރުކަމުގެ ޒިންމާ މިނިވަންކޮށް ހުރެގެން މާ ފުރިހަމައަށް އަދާކުރެވޭނެ ކަމަށާއި އޭރުން ރަށަށް ބޭނުންވާ ކަންކަން ކުރާއިރު، ރައްޔިތުންގެ ފަރާތުން ސަރުކާރާ މަޝްވަރާކުރަން ކައުންސިލުގެ ސީދާ ބާރުވެރިކަން އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved