theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ރައީސް އޮފީސް
ރިޕޯޓު
ޤައުމީ ދުވަސް: ޤައުމިއްޔަތުކަން ފަނޑުވެ، ގައުމު ކޮރަޕްޝަންގެ ހާއްޔަކަށް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
24 އޯގަސްޓު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް، ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.

ޕޯޗުގީޒުންގެ ފަހުންވެސް ރާއްޖޭގެ ސިޔާދަތާއި ދިވެހިންގެ މިނިވަންކަން، ދެފަހަރެއްގެ މަތިން، ގެއްލުނެވެ. އެއީ ހިޖުރީ ސަނަތުން 1161 ވަނަ އަހަރު (މީލާދީ ސަނަތުން 1752 ވަނަ) ހޮޅީންގެ އަތް މައްޗަށެވެ. ހޮޅިންނަކީ އިންޑިޔާގެ ހުޅަނގު އައްސޭރީގެ މަލާބާރުގެ މަލާބާރު މީހުންނެވެ. މިފަހަރު ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވީ ޣާޒީ ހަސަން އިއްޒުއްދީނު ނުވަތަ ދޮންބަންޑާރައިންގެ އަގުހުރި ޖިހާދުންނެވެ.

ދެން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އެރީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔުމުންނެވެ. މިކަން، ރަސްމީ ސިފައެއްގައި ހަމަޖެހިގެން ދިޔައީ 1887 ގައެވެ. ފުރަތަމަ ބޮޑުހަނގުރާމާއިގެ ދުވަސްވަރާއި އަދި ފަހުން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ވެސް، ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން، ރާއްޖެ މުހިއްމުވެ، ރާއްޖޭގެ އުތުރުގައި އާއި ދެކުނުގައި އިނގިރޭސި ސިފައިން ތިބުމަށް ހަމަޖެހުނެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދާއިމީ ސިފައެއްގައި ސ.ގަމާއި، ސ.ހިތަދޫގައި އިނގިރޭސި އަސްކަރީ މަރުކަޒެއް ގާއިމުކުރެވުނެވެ.

ރާއްޖޭގެ މިނިވަންކަމަށް މިއިން ކޮންމެ ފަހަރަކުވެސް ބުރޫއަރަނީ ދިވެހި ސަރުކާރުގެ ތެރެއިން ގައުމަށް ޣައްދާރުވެ ގައުމުގެ އެއިރެއްގެ ސަރުކާރަކާއި ދެކޮޅަށް ބަޣާވާތްކޮށް ވެރިކަމަށް ދަހިވެތިވުމުގެ ސަބަބުންނެވެ. އަދުގެ ދިވެހި ސަރުކާރުންވެސް ފެނިގެންދަނީ ތާރީޚު އަނެއްކާވެސް އިއާދަވުމަށް މަގުފަހިވެެގެންދާ މަންޒަރެވެ.

ވެރިކަމުގެ އާރާއި ބާރުގެ ދަހިވެތިކަމުގައި އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެނެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކަމުން އަންނަ މަންޒަރެވެ. އިންޑިއާއަށް އެތަކެއް މިލިއަނުން ދިވެހި ގައުމު ދަރަނިވެރި ކުރުވާ އެމީހުންގެ ކޮންމެ އިޝާރާތަކަށް މިހާރުގެ ރައީސް އެބުރެމުން ދިޔުމަކީ ގައުމުގެ މުސްތަގްބަލް އަދިރިވަމުން ދާ ކަމުގެ އެއް ހެއްކެކެވެ.

އެއް ޒަމާނެއްގައި ފަޚުރާއި ޤައުމީ ރޫޙުން ފާހަގަކުރެވެމުން އަންނަ ޤައުމި ދުވަހުގެ ޤައުމިއްޔަތު މިހާރު ކުޑަވެފައިވާ ކަމުގެ އިޙްސާސް ކުރެވެއެވެ. ކޮރަޕްޝަނާއި، ވައްކަމާއި، ގައުމީ ވަސީލަތްތައް ނުބައިކޮށް ބޭނުންކުރުން ފުޅާވެ “ޤައުމީ ޖަރީމާތަކެއް” ގެ ގޮތުގައި އަންނަނީ އާންމުވަމުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހަށް 500 އަހަރުވަމުންދާއިރު ގައުމުގައި މިހާރު އާންމުވެފައިވާ ވައްކަމާއި ކޮރަޕްޝަނާއި މި ނޫންވެސް ކުށްތަކުގައި ބައިވެރިވާ މީހުން މިނިވަންކަމާއެކު އުޅެމުން ގެންދަނީ، މިފަދަ ކަންތައްތަކުގެ އެއްވެސް އަދަބަކާއި ނުވަތަ ގާނޫނީނފިޔަވަޅުތަކާއި ކުރިމަތިލާން ނުޖެހި ފުރިހަމަ މިނިވަންކަން ލިބިގެންނެވެ. މިކަންކަން ހައްލުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން ނޭޅުމުން، ގައުމުގެ މިނިވަންކަމާއި އިސްތިގުގާލަށް ޤުރުބާނީތައް ވެވަޑައިގެންނެވި ބޭބޭފުޅުންނަށް ވެވޭ ޚިޔާނާތެއް ކަމަށް ހީވެ ރައްޔިތުންގެ މެދުގައި ވަނީ ފުން މާޔޫސްކަމެއް ސަރުކާރާއި މެދު އުފެދިފައެވެ.

މިއަދު ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރާ އިރު ޤައުމިއްޔަތާމެދު މިވަނީ ސުވާލު އުފެދިފައެވެ. ދިވެހި ޤައުމިއްޔަތުގެ ބިންގާކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް ތަޙައްދީކޮށް ފުރައްސާރަކުރާ މީހުން މި ލޮބުވެތި ފަސްގަނޑުން ފާޅުވެ، އިސްއުފުލައިގެން އުޅޭކަމީ "ލަދުވެތި ނަމަވެސް" ހަގީގަތެވެ. އަދި މިފަދަ މީހުންގެ ޙިމާޔަތުގައި ދިވެހީންގެ ތެރެއިން "ބަޔަކު" ތެދުވެ ބަސްބުނާކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. ދީނުގެ ޙިމާޔަތުގައި ބަސްބުނާ މީހުންނަކީ ނިރުބަވެރީންކަމުގައި ބަލައި އަދަބު ދެވި އިސްލާމް ދީނަށް ފުރައްސާރަކޮށް ޤުރުއާނަށް އިންކާރުކުރާ މީހުންނަކީ "ނަފްސާނީ ބަލި މީހުން" ކަމަށް ހަދައި އެމީހުންނަށް ހޭހަންކުރާ "ބަޔަކު" އުޅޭކަމީ އަދި މިޔަށްވުރެ ބޮޑު ހަގީގަތެކެވެ. މި ފަޚުރުވެރި ޤައުމީ ދުވަހު އަޅުގަނޑުމެން "ދިވެހީން" އަމިއްލަ ފަސްގަނޑުގައި މި ތިބޭންޖެހެނީ ލަދާއި ހިތާމައިން އިސްޖަހައިލައިގެންނެވެ.

މިކަންކަމާމެދު ފުންކޮށް ވިސްނައި އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ ޢަޒުމު އާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެހެވެ. ޤައުމީ ޝަރަފު ކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެކެވެ. ޤައުމިއްޔަތުގެ އެއް ބަހާ ކަމުގައިވާ ދިވެހިބަހާއި ދިވެހީންގެ ރީތި ސަގާފަތް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ދިވެހި ޤައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވާ ދިދައިގެ ޙުރުމަތްދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ލާޒިމުކަމެކެވެ. "އަހުރެންގެ މޭ ޤައުމަށްޓަކައި އަށްޑަނައަކަށް ދިއްކޮށްލުމީ، ފަހު ނޭވައަށް ދަންދެން މޮޓޯކަމުގައި" ހެދުމުގެ ޢަޒުމު އާކުރާން މިއަދަކީ އެންމެ އެކަށީގެންވާ ދުވަހެވެ.

މި ޤައުމީ ދުވަހު، ޤައުމުގެ ފަޚުރުވެރި މާޒީގެ ކެތްތެރިކަމާއި އެއްބައިވަންތަކަމާމެދު ވިސްނާލާއިރު، ގިނަ ބަޔަކު ގޮވާލަނީ، ދިވެހިންގެ ނަޒާހަތްތެރިކަމާއި، އިންސާފާއި، ޙަޤީޤީ ޤައުމީ ލޯބި އަނބުރާ ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved