theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
މީޑިޔާ ކޮންޓްރޯލް ބިލު ފާސްކުރަން ފަލާހު ޕީއެންސީ މަޖިލިސް މެމްބަރުންނަށް ބިރު ދައްކަނީ!
24 އޯގަސްޓު 2025

މިނިވަން މީޑިޔާ އަޅުވެތި ކުރުމުގެ ބޭނުމުގައި މުއިއްޒު ފަހަތުގައި ހުންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން ލައްވާ މަޖިލީހަށް ހުށަހެޅި މީޑިޔާ ކޮންޓްރޯލް ބިލް ފާސްކުރުމަށް ޕީއެންސީ މެމްބަރުންގެ މެޖޯރިޓީ ދެކޮޅު ހަދަމުންގެންދާތީ މުއިއްޒުގެ އެންގެވުމުގެ ދަށުން ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ޕީއެންސީ މެމްބަރުންނަށް ބިރު ދައްކާކަން ހާމަވެއްޖެއެވެ.

"ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން ޕީއެންސީގެ ބައެއް މެމްބަރުން ބުނި ގޮތުގައި މި ބިލު ފާސްކުރުމަށް ޕީއެންސީ ޕީޖީ ގުރޫޕްގެ މެޖޯރިޓީ ދެކޮޅެވެ.

"މީޑިޔާ ކޮންޓްރޯލް ކުރުމަށް ގިނަ މެމްބަރުން ދެކޮޅު ނަމަވެސް އެބަތިބި މީޑިޔާ ކޮންޓްރޯލް ކުރަން ބޭނުންވާ ދެތިން ބޭފުޅެއް. އެގޮތުން ހަމަ ނައިބު ރައީސް ނާޒިމްގެ އިތުރުން އައިބީވެސް ބޭނުންވަނީ މީޑިޔާތައް ކޮންޓްރޯލްކުރަން" ނަން ހާމަނުކުރުމަށް ޝަރުތުކޮށް މައުލޫމާތު ހިއްސާކުރެއްވި ޕީއެންސީ ޕީޖީ ގުރޫޕްގެ މެމްބަރަކު ވިދާޅުވިއެވެ.

ފަލާހަށް މުއިއްޒު އޯޑަރު ދީފައިވަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މީޑިޔާ ކޮންޓްރޯލް ބިލް މަޖިލީހުން ފާސްކުރުމަށެވެ. މެމްބަރުންނަށް ބިރު ދައްކައިގެން ވިޔަސް އެ ބިލު ފާސް ކުރެވޭތޯ ފަލާހަށް އެންގުމުން އޭނާ ވަނީ އަތުކުރި އޮޅާލާ އެކަމުގައި މެމްބަރުން ބްލެކްމެއިލްކޮށް މެމްބަރުންނަށް ބިރު ދައްކަމުންނެވެ.

ހަންނާން މީގެން ކުރިންވެސް މީޑިޔާ ކޮންޓްރޯލް ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ބިލުވެސް ހުށަހެޅީ މުއިއްޒުގެ އެންގެވުމުގެ ދަށުންނެވެ.

މިފަހަރު އޭނާ ހުށަހެޅި ބިލުގައިވަާގޮތުން ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންދެއެވެ.

މި ބިލާ ދެކޮޅަށް ނޫސްވެރިންނާއި ބައިނަލްއަގްވާމީ އެކި އެކި ޖަމިއްޔާތަކުން އަންނަނީ އަޑުއުފުލަމުންނެވެ. މުއިއްޒު ވަނީ އެންމެންގެ ކަންބޮޑުވުންތަކާއި އަޑުތަކަށް ބީރުކަންފަތްދީފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved