

އަނިޔާވެރި ގޮތަކަށް ނޫސްވެރިން މަރަން، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު މަޖިލިސް ތަޅުމުގައި ގޮވާލި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
ފަލާހްއާ ދެކޮޅަށް މިމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ ދިވެހި ނޫސްވެރިން ތަމްސީލު ކުރާ ޖަމްއިއްޔާ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންއިންނެވެ.
ނޫސްވެރިން އުލުބައިންދަން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމު ފަލާހު ގޮވާލި މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލަމުންދާ ކަމެއް ނުވަތަ ނޫންކަމެއް އެ ޚިދުމަތުން އަދި ހަމާކޮށްފައިނުވެއެވެ.
ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވިދާޅުވެ ފަލާހް ދެއްކެވި ވާހަކަތަކާ ގުޅިގެން ނޫސްވެރިންގެ ކިބައިން އޭނާ މައާފަށް އެދެންޖެހޭ ކަމަށް ނޫސްވެރިންގެ ބެލެނިވެރި ފަރާތްތަކުން ވަނީ ބުނެފައެވެ.
އެގޮތުން މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކައުންސިލުގެ މެންބަރު، ލީވާން އަލީ ނާސިރު ވިދާޅުވީ ހުރިހާ ނޫސްވެރިންނަށް ނިސްބަތްކޮށް ފަލާހު ދެއްކެވި ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ.
ލީވާން ވިދާޅުވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން ފަލާހު ދެއްކެވި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ފަލާހު ދެއްކެވި ވާހަކަތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މޯލްޑީވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ވަނީ ފަލާހު ނޫސްވެރިން "އުލު" ބައިންދަން ގޮވާލުމުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވަނީ މީޑިޔާ ކޮންޓްރޯލުކުރާ ބިލަށް ތާއީދުކޮށް ބަހުސްކުރަމުން ނޫސްވެރިން އަނިޔާވެރިކޮށް މަރާލާން ފަލާހު ގޮވާލުމަކީ ނޫސްވެރިންނާ މީޑިޔާތަކަށް ބިރު ދައްކައި އިންޒާރުދީ އެމީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރުދީ ދެއްކި ވާހަކަތަކެއް ކަމަށް އެ ޖަމްއިއްޔާއިން ދެކޭ ކަމަށެވެ. އަދި އެވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ގޮވާލާފައިވާތީ، ވެރިކަން ކުރާ ޕީއެންސީއިން އޭނާއާ މެދު އަޚުލާގީ ފިޔަވަޅު އެޅުމަށް ގޮވާލާ އެމްޖޭއޭއިން ވަނީ އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކާ މެދު ފަލާހު މައާފަށް އެދުމަށް އިލްތިމާސްވެސް ކޮށްފައެވެ.
ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަނީ އާންމުންގެ ނުރުހުން ވެސް އަމާޒުވެފައެވެ.
އެގޮތުން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ބަޔަކަށް އަނިޔާވެރިވުމަށް މަޖިލީހުގެ މެންބަރަކު ގޮވައިލުމަކީ ތަހުގީގު ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލާފާނެ ކަމާ މެދު ރައްޔިތުން ވަނީ ސުވާލު އުފައްދާފައެވެ.