

ވިއެޓްނާމްއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
މިމަހުގެ 25 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވިއެޓްނާމްއިން ރާއްޖެއަށާ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓްރިން ތެ ޓޭމް ވިދާޅުވީ، ރާއްޖެއާ ވިއެޓުނާމްއާ ދެމެދު އޮންނަނީ ދުަވސް ގާތް ގުޅުމެއް ކަމަށާ އެގުޅުން އަބަދުވެސް އެންމެ ވަރުގަދަ ކަންމަތީ ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާއްވާ ކަމަށެވެ.
މީގެ އިތުރުން ވިއެޓުނާމްއާ ރާއްޖެއާ ދެމެދު އޮތް ދުވަސްވީ ގުޅުމުގެ ތެރެއން ވިޔަފާރީގެ ދާއިރާއިންނާ ތަރައްގީގެ ދާއިރާއިންނާ ފަތުރުވެރިކަމާ އަދި މަސްވެރިކަމުގެ ސިނާއަތުގެ ތައުލީމާ ދަތުރުފަތުރާ ބެހޭ ނިޒާުމު އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދަން މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމްބެސެޑަރ ވިދާޅުވިއެވެ.
އެމްބެސެޑަރ ވިދާޅުވި ގޮތުގައި މި ގުޅުމުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިއްމު މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ޔުނައިޓެޑު ނޭޝަންސްގައާ އަދި އެކު ފޯރަމްތަކުގައި ރާއްޖެއާ އެކު ކުރެވިފައި ހުރި މުހިއްމމު މަސައްކަތް ކަަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިންވެސްޓްމަންޓެއް މިހާރުވެސް ވިއެޓުނާމްގައި ކުރިއަށްދާކަން ފާހަގަކުރައްވާ އެމްބެސަޑާރ ވިދާޅުވި، އެއީ 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާ އެ އިންވެސްޓުމަންޓުގެ ތެރެއިން 30 މިލިއަން ޑޮލަރު ކޮންމެ އަހަރަކު ރާއްޖެއަށް ވަންނަމުން ދާނެ ކަމަށެވެ. އަދި މިހާރުވެސް އެ ގައުމުގެ ގިނަ ރައްޔިތުން ތިބީ ރާއްޖެއަށް ދަތުރުކުރުމުގެ ޝައުގާއެކު ކަމަށާ އޭގެ ސަބަބުން ވެސް ރާއްޖެއަށް އިތުރު އާމްދަނީ ވަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އެމްބެސެޑަރގެ ވާހަކަ ކޮޅު ނިންމަވާލެއްވީ ދިވެހި ރައްޔިތުން ވިއެޓުނާމްގެ ރައްޔިތުންނާ ބާއްވާ ގާތް ގުޅުމާ އަދާކުރާ މެހެމާންދާރީއަށް ހިތުގެ ފުންމިން ޝުކުރު އަދާކުރައްވަމުންނެވެ.
މި ހަފްލާގައި ރާއްޖެއާ ވިއެޓުނާމްގެ ގުޅުމަށް ރަން ޔޫބީލު ފުރުމުގެ މުނާސަބާގައި ބޭއްވި ކުއިޒު މުބާރާތެއްގެ ވަނަ ވަނަ ހޮވާ އިނާމް ހަވާލުކޮށްފައިވެއެވެ. މި ހަފްލާ ކުރިއަށް ދިޔައި ވިއެޓުނާމް އެމްބަސީއާ ލެޓްސް ގޯ މޯލްޑިވަސް ގުޅިގެންނެވެ.
މި ހަފްލާގައި ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ އެމްބެސެޑަރުންނާ ހައި ކޮމިޝަނަރުންނާ ރެޕްރެޒެންޓިޓިވްސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.