

މި ދުވަސްވަރުގެ ގައުމުގެ ހަލަބޮލި ކަމަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ މީޑިޔާ ރެގިއުޅޭޓު ކުރުމުގެ ނަމުގައި މަޖިލީހަށް 52 ސަފްހާގެ ބިލެއް ހުށަހަޅައިގެން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަން އެމަނިކުފާނުގެ މުށުތެރެއަށް ލައްވަން އުޅޭ ވާހަކައެވެ.
ރިޔާސީ ނިޒާމަކުން ތިން ބާރު ވަކިވެފައި އޮތް ވެރިކަމެއްގެ ދިމިގްރާތީ ހުރިހާ ސިފައެއް ވަޅުޖައްސާލުމަށް ފަހު ތިން ބާރު އަތުގެ މުލައްދަނޑިއަށް ނަގާ ބާރުކޮށްލުމަށް ފަހު ޑިމޮކްރެސީގައި ހަަތރު ވަނަ ބާރުކަމަށް ވާ ނޫސްވެރިކަން ވެސް މުލައްދަނޑީގެ ބާރުން ކޮންޓްރޯލު ކުރަން ރައީސް މުއިއްޒު އުޅުއްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރައީސް މުއިއްޒަކީ ރައްޔިތުންގެ ބާރުވެރިކަމާ އެކު ވެރިކަން ކުރައްވާނެކަމުގެ ވައުދާއެކު ވަޑައިގެންނެވި ވެރިއެއް ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބުމާ އެކު ފެންނަން ފެށީ ގައުމުގެ ހުރިހާ މިނިވަން މުއައްސަސާތަކަށްވެސް ބާރު ފޯރުވަން ގާނޫނުތަކަށް ބަދަލު ގެނައި މަންޒަރެވެ. އަދި މަޖިލިސް މެމްބަރުންގެ މިނިވަންކަން ގެއްލުވާލާ އެ މެމްބަރުންވެސް ގޮނޑިއާ ލާ އެންޓި ޑިފެކްޝަންގެ ގާނޫނަކުން ބަނދެލިއެވެ.
މުޅި އޮޑީގައި ހަސަނު ދެފައޭ ބުނާ އުސޫލުން މުޅި ސަރުކާރުގެ ބާރުތައް ރައީސް މުއިއްޒުއަށް ދިނުމަށް ފަހު ސަރުކާރު ތެރެއިން ވައްކަމާ ކޮރަޕްޝަން މެކުހަށް ޖެހިއެވެ. ރޯމާ ދުވާލުވެސް ފާޅުގައި ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ރައްޔިތުންގެ ބިމުންނާ ރައްޔިތުންގެ ފްލެޓުތަކުންނާ މިހެން ގޮސް ވައްކަން ނުކުރާކަށް ދިމާއެއް ނެތެވެ.
އަދުލު އިންސާފު ވަލު ދޮރާށިން ނިކުމެގެެން ގޮސް ގައުމުގައި އިންސާފާ ހަމަ ގެއްލި ރައްޔިތުންނަށް ހައްގު މިންވަރު ނުލިބެއެވެ. މިނިވަންކަމާ ސިޔާދަތުގައި ދެމި ފަލަ ރަތް ރޮގު ވައިޓު ބޯޑު މާކަރުން ދެމުމުން އިސާހިތަކު އެ ރޮގު ފޮހެވި އިންޑިއާ ފައިބުޑަށް ގައުމު ވެއްޓިއްޖެއެވެ.
މިއީ ގައުމުގެ ހާލަތު ހުރި ގޮތް ކަމަށް ވާއިރު މި ވާހަކަތައް ރައްޔިތުންނާ ހަމައަށް ތިލަ ކޮށްދެނީ ނޫސްވެރިން ކަމަށްވެފައި އެ ނޫސްވެރިންނަކީ ނުފޫޒުން އެއްކިބާވެ މިނިވަން ޒިންމާދާ ނޫސްވެރިކަމެއް ކުރާ ބަޔަކަށް ވުމަކީ ކޮންމެހެން ލާޒިމުކަމެވެ. ނަމަވެސް ތިމަ ތިމަމެން ހިތް އެދޭ ގޮތަށް ޚަބަރާ މައުލޫމާތު ގެނެސްދިނުމަކީ އެއީ އަދި ނޫސްވެރިކަމުގެ މިނިވަން ޖަހައިގަންނަން ޖެހޭ ސަބަބެއް ވެސް ނުމެ ނޫންމެއެވެ. ދޮން ދަރި ބެލްކަންޏަކުން ވެއްޓުމުގެ ކުރިން ހިނގާފައި ހުރި ހާދިސާތއް ރައްޔިތުންނަށް ތިލަކޮށްދިނުމަކީ ވަކި ވަކި ނޫސްވެރިން ވެރިންގެ ޓާގެޓަކަށް ހަދަންވެސް ޖެހޭ ސަބަބެއް ނޫނެވެ.
ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވާއިރު އެ ރައްޔިތުންގެ އަޑު އިއްވާ ބަޔަކީ ގިނަ ބަހަރޔ ނޫސްވެރިންނެވެ. އެ ރައްޔިތުންގެ އަޑު އިއްވަން ދެން އޮތް މުއައްސަސާ ގަނެލައިގެން ހުންނެވި ރައީސަކަށް އެ ރައްޔިތުންގެ އަޑު ގާތުން އިއްވުމަށް ދެން ތިބޭނެ ބަޔަކީ ނޫސްވެރިންނަށްވާއިރު، ބޭނުންފުޅުވަނީ މީޑިއާތަކުގެ އަޑު ކަނޑުވާލަންވީއެވެ. ނަމަވެސްއަޑު ކަނޑުވާލީމާ ކަން ވާނެގޮތުގެ ކުޑަކުޑަ މިސާލެއް އޭޖީ އުޝާމް ބޭއްވި ޕްރެސް އިން ފެނިގެން ދިޔައެވެ. ދޮގު މައްޗަށް ދިގު ހަދަން ހަދަން ފެށުމުން ނޫސްވެރިން ޕްރެސް ކޮންފަރެންސް ދޫކޮށް ނިކުތީއެވެ. އެހެންކަމުން ނޫސްވެރިންގެ އަޑު ކަނޑުވާލައިފި ނަމަ ސަރުކާރު ނުވެސް ހިނގާނެއެވެ. ސަރުކާރުގެ އަޑެއްވެސް ނޯންނާނެއެވެ. ނޫސްވެރިންގެ އަޑަކީ މުޅި ގައުމުގެ އަޑެވެ. އެ އަޑު ކަނޑުވާލީމާ ކެނޑޭނީ މުޅި ގައުމުގެ އަޑުކަން ޔަގީނެވެ.