March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އާމްދަނީގެ ގޮތުގައި އަހަރެއްގެ ތެރޭ ފަލާހަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 4, 2025, 12:28 AM
މާލެ ސިޓީ

އާމްދަނީގެ ގޮތުގައި އަހަރެއްގެ ތެރޭ ރ.އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭކަން ހާމަވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކޮށްފައިވާއިރު މެންބަރެއްގެ މުސާރައިގެ ގޮތުގައި ލިބޭ އަހަރެއްގެ މައްޗަށް ލިބޭ 990،000 ރުފިޔާގެ އިތުރުން ވިޔަފާރިކޮށްގެން ފަލާހަށް އާމްދަނީ ލިބިފައިވާ ކަމަށް މި ބަޔާނުގައި ހިމަނާފައިވެއެވެ.

މިގޮތުން، ގެދޮރު ކުއްޔަށް ދީގެން ފަލާހަށް 3.2 މިލިއަން ރުފިޔާ ނަފާގެ ގޮތުގައި ލިބިފައިވާއިރު ވިޔަފާރިކޮށްގެން މިލިއަނެއްހާ ރުފިޔާ ލިބިފައިވާކަމަށް މާލީ ބަޔާނުން ދައްކައެވެ.

މިއާއިއެކު، ފަލާހްގެ ނަން މަތީގައި 06 ބޭންކް އެކައުންޓެއް އޮންނަ ކަމަށާއި ޖުމްލަ 111.074 ރުފިޔާއާއި 301 ޑޮލަރު މި އެކައުންޓްތަކުގައި މިހާރު ހުރި ކަމަށް އެ ބަޔާނުގައިވެއެވެ.

މާލީ ބަޔާނުގައި ވާ ގޮތުން ފަލާހްގެ ނަން މަތީގައިވާ ގެދޮރާއި ވިޔަފާރިތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.

ފަލާހުގެ ނަމުގައިވާ ބިމާއި މުދަލުގެ ތަފްސީލް

  • މ. އަސުރުކުރި؛ އެ ބިން ގަތީ 4 މިލިއަން ރުފިޔާ އަށް 2017 ވަނަ އަހަރު
  • ފަލަކު/ރ. އިންނަމާދޫ
  • ފަތް/ ރ. އިންނަމާދޫ
  • އަސުރު ހިޔާ/ރ. އިންނަމާދޫ

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ތިން ކުންފުންޏެއްގައި ފަލާހުގެ ހިއްސާ އޮވެ އެވެ. އެއީ

  • މެރިން ޑިޒައިން މޯލްޑިވްސް (%90 ހިއްސާ)
  • ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް (%90 ހިއްސާ)
  • އައިލެންޑް ޓްރޭޑް (%80 ހިއްސާ)

މީގެ އިތުރުން، ފަލާހްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރު ވަނީ 15.7 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފައިވާ ކަމަށް މާލީ ބަޔާނުން ހާމަވާއިރު އެ ލޯނަށް މި އަހަރުގެ މިހާތަނަށް 496،904.17ރ. ދައްކާފައިވެއެވެ.

ސަރުކާރަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުން އެ ބޭފުޅުންނަށް ލިބޭ މުސާރަ މަދުވެގެން، މުސާރަ މުރާޖައާކޮށްދިނުމަށް މަޖިލީހުގައި ވަނީ އެދިފައެވެ. މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 82،500 ރުފިޔާ ލިބޭ އިރު ނިކަމެތި ރައްޔިތުންގެ އިހުސާސްތަކަށް ނުވިސްނާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ހޯއްދަވާ ދެއްވާން ތިބި މެންބަރުން ރައްޔިތުންގެ މުސާރަތަކަށް ހެޔޮ ގޮތެއް ނުވަނީސް މިފަދަ ވާހަކަތައް ދެއްކުމަކީ އެ ބޭފުޅުންގެ އަމިއްލަ އެދުން ބޮޑުކަން ހާމަވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved