

އަހަރެއްތެރޭ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަށް ފަސް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ވާހަކަ މީޑިޔާތަކުން ރިޕޯޓުކުރުމުން ފަލާހު ރުޅިގަދަވެއްޖެއެވެ.
އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ފަލާހު ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިޔާ ކޮންޓްރޯލް ބިލަށް އިތުރު އިސްލާހެއް ގެންނަން ފެންނަ ކަމަށް ބުނެފައެވެ.
ފަލާހު މިފަދައިން ބުނީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އަޕްލޯޑުކުރުމާއެކު ފަލާހުގެ މާލީ ބަޔާނުގައި ހިމެނޭކަންތައްތައް ނޫސްތަކުން ރިޕޯޓުކުރުމުންނެވެ. ފަލާހު ބުނީ، މީޑިޔާ ކޮންޓްރޯލް ބިލަށް، މީޑިޔާތަކާއި މީޑިޔާތަކުގެ ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭގޮތަށް އިސްލާހެއް ގެނެއުން ކިހިނެއްވާނެކަމަށެވެ.
ފަލާހު ނޫސްވެރިންނާއި މީޑިޔާތަކާއި ޖައްސާލައިގެން އުޅޭކަމީ މިފަހަކަށް އައިސް އެއްވެސް މީހަކަށް ނޭނގޭ ވާހަކައެއް ނޫނެވެ.
ފަލާހު އެދޭ ގޮތަށް ޚަބަރުތަށް ގެނެސް ނުދޭ މީޑިޔާތަކާއި ފަލާހު ވަނީ ޒާތީ ގޮތުން ޖައްސާލާފައެވެ. މީޑިޔާ ކޮންޓްރޯލް ބިލަށް ބަހުސް ކުރެއްވި ދުވަހު މީޑިޔާތައް އުލު ބައިންދަން ޖެހޭކަމަށް ފަލާހު ވިދާޅުވުމުން އެ ވާހަކަ ކުށްވެރި ކުރި އެތައް ބަޔަކާއި އޭނާއަށް ފާޑުކީ ފަރާތްތަކަށް އޭނާ ވަނީ ރައްދު ދެއްވާފައެވެ.
ފަލާހުގެ އެ ޕޯސްޓުގައި މީޑިޔާތަކުން ފައިސާގެ ދަހިވެތިކަމުގައި ޚަބަރު ޖަހާ ވާހަކަ ފާހަގަކޮށްފައިވާއިރު ސަރުކާރުން އަދި ހާއްސަކޮށް ފަލާހު ވަނީ ގިނަ ނޫސްތަކަށް ރިޝްވަތު ހުށަހަޅާފައެވެ. މީޑިޔާ ކޮންޓްރޯލް ބިލު ދިފާއުކޮށްދޮނުމަށާއި ސަރުކާރަށް ސަނާ ކިޔުމަށް އެންމެ ގިނައިން ނޫސްތަކަށް ރިޝްވަތު ދެނީވެސް ޕީއެންސީގެ ސަރުކާރުންނެވެ.