April 18, 2026
Advertisement
-
- / ތޭރަ އޮންލައިން

ފަލާހާއި ޝުޖާއުއަކީ ހިހޫ ތަނުން ކާން ޖައްސާލާ ދޫނިތަކެއް: ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 9, 2025, 10:52 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހަކީ ހިހޫ ތަނުން ކާން ޖައްސާލާ ދޫނިތަކެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހްމަދު ސިފަކޮށްފިއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވީ ރޭ ޕީއެންއެފް އިން ބޭއްވި އެ ޕާޓީގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ވާހަކައަށް އިތުރަށް ބާރުދެއްވާ ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވި ނުހައްގު ހުކުމާއި ގުޅިގެން އޭރު ޕީޕީއެމް އިން ސިޔާސީ ބުރަ މަސައްކަތްޕުޅު ކުރި ވަގުތުގައި މި ދެމީހުންގެ އެއްވެސް އެއްބާރުލުމެއް ލިބިފައިވާ ނުވާ ކަމަށެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިދިޔަ ހަފްތާގައި އާންމުކޮށްފައިވާއިރު މި ބޭފުޅުންގެ އާމްދަނީއާއި ގުޅިގެން ބޮޑާކަމާއިއެކު ވާހަކަތައް ދައްކަމުން ދާތީ އެ ބޭފުޅުން މިހާރު އެ ދައްކަވަމުންދާ ބޮޑާކަން އޭރުގައި ނުދެއްކެވީ ކީއްވެގެންތޯ ޑރ ޖަމީލް ވަނީ ސުވާލުކުރައްވާފައެވެ.

ޝުޖާއު އާއި ފަލާހް ވަރަށް ފޮނިވެފައި އެ ދަންނަވަނީ ތިމަންނާމެން އަތުގައި މިވެނި ވަރެއް، މިވެނި ގޯއްޗެއް އެބައޮތޭ މިއީ އަދި ވަރަށް ކުޑަ މިންވަރެކޭ މި ބުނަނީ ވަރަށް ބޮޑާވެފައިތާ، އެކަމަކު މި ބޮޑާވާން މި މީހުންނަށް ނާދެވުނޭ ޕީޕީއެމްއިން ބުރަ މަސައްކަތް ކުރި ވަގުތުގައި

ޑރ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ޝުޖާއުއާއި ފަލާހު މި ދައްކާ ތަނަވަސްކަމަކީ އެ ދެމީހުންގެ އެއްޗެއް ކަމަށް ގަބޫލުފުޅުކުރެއްވޭތޯވެސް ޑރ ޖަމީލްގެ ވާހަކައިގެ ތެރެއިން ވަނީ ސުވާލު އުފައްދަވާފައެވެ. ސަބަބަކީ މި މީހުން މިފަދަ ވާހަކަތައް ދައްކަނީ މަތިން ވަރަށް ބޮޑަށް ހިމާޔަތް ލިބިގެން ކަން ސިފަވާކަމަށް ޖަމީލް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ރައްޔިތުން ނިކަމެތި ހާލަތުގައި މިހާރު އުޅެމުންދާއިރު، ރައްޔިތުންނާއި ދިމާލަށް ފަޚުރުވެރިކަމާއި އެކު "މިއީ އަދި ކުޑަ މިންވަރެކޭ" ފަދަ ބަސްތައް ބުނާއިރު މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ވެރިކަމެއްގެ ގޮތުގައި ރައްޔިތުން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved