
ގައުމުގެ ވެރިކަން ލިބުނީ އިއްތިފާގަކުން ކަމަށާ އެކަމާ މެދު ބޮޑާވެ ކިބުރުވެރި ނުވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ނޭޕާލުގައި ސޯޝަލް މީޑިޔާ ބްލޮކުކުރަން އެގަމުގެ ސަރުކާރުން ނިންމި ނިންމުމާއެކު އެ ގައުމުގައި ހިނގަމުންދާ ކަންކަމުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމަކީ އެއްވެސް ބަޔަކު ތާއަބަދަށް ތިބޭނެ ބާރެއް ނޫން ކަމަށާ އެހެންކަމުން ރައީސް މުއިއްޒުވެސް އިއްތިފާގަކުން ލިބުނު ވެރިކަމާ މެދު ސަމާލުވެ ބޮޑާވެ ކިބުރުވެރި ނުވުމަށް ގޮވާލައްވާ ކަމަށް މަލީހުގެ އެ ޕޯސްޓުގައިވެއެވެ.
މަލީހު ކުރެއްވި އިތުރު ޕޯސްޓެއްގައިވެސް ނޭޕާލުގެ ހާލަތު ބަޔާންކޮށްދެއްވާ ވިދާޅުވެފައިވަނީ، ނޭޕާލުގެ މަޖިލިސް ކުރާގެ އަންދާލައިފި ކަމަށާ ޕްރައިމް މިނިސްޓަރ އިސްތިއުފާ ދީފި ކަމަށެވެ. ކޮރަޕްޓް އޮފިޝަލުން ފަހާ އެގައުމުގެ ރައްޔިތުން ދުވަނީ ކަމާ ސަބަބަކީ ކޮރަޕްޝަން ހައްދުން ނެއްޓި އެވާހަކަ ދެއްކި މީޑިއާތައް ބަންދުކުރުމުން ޒުވާނުން ނުކުމެ ކުރި މުޒާހަރާ ކަމަށެވެ.
އެހެންކަމުން މިއަދު މާފުށި ދާއިރާގެ މެމްބަރު ހުސެއިން ރިޒާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ހުރެ ރާއްޖޭގެ މީޑިއާގައި ތަޅުއަޅުން އުޅޭ އުޅުން މަލީހު ފާހަގަކުރައްވާފައިވެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުގެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ މީޑިޔާ ރެގިއުލޭޓުކުރުމުގެ ނަމުގައި މީޑިޔާ ކޮންޓްރޯލުރެވޭ ގޮތަށް ފަރުމާ ކޮށްފައި އޮތް ބިލެއް ބަލައިގަނެ އެ ބިލު ފާސްކުރަން މަސައްކަތް ފަށާފައެވެ. އެކަމާ ގުޅިގެން ނޫސްވެރިން ގެންދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.










