February 23, 2026
Advertisement
ހިލޭ އެހީއަށް ޖެހި ހިސާބުގެ 92 އިންސައްތަ ނުލިބޭ!
ހިލޭ އެހީއަށް ޖެހި ހިސާބުގެ 92 އިންސައްތަ ނުލިބޭ! / ރައީސް އޮފިސް

ހިލޭ އެހީއަށް ޖެހި ހިސާބުގެ 92 އިންސައްތަ ނުލިބޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 14, 2025, 09:18 PM
މާލެ ސިޓީ

ދިވެހި ސަރުކާރަށް ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖެހި ހިލޭ އެހީގެ ބޮޑު އިން ސައްތައެއް ނުލިބޭކަން ހާމަވެއްޖެއެވެ.

Advertisement

މި އަހަރު ނިމެން ބާކީ ހަތަރު މަސް އޮތްއިރު ހިލޭ އެހީއަށް ލިބޭނެކަމަށް ބަޖެޓުގައި ޖެހި އަދަދުގެ 92 އިންސައްތަ އަދި ނުލިބޭކަން ހާމަވެފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ފިނޭންސް މިނިސްޓްރީން ހާމަކޮށް ނެރުނު ހިސާބުތަކުންނެވެ.

އެގޮތުން އެ ރިޕޯޓުން އެނގޭ ގޮތުގައި އަހަރު ނިމެން ބާކީ ހަތަރު މަހަށް ވީއިރު ވެސް ހިލޭ އެހީގެ ގޮތުގައި ލިބުނީ އެންމެ 203.1 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ވެސް މި މުއްދަތުގައި ލިބުނީ އެންމެ 372.4 މިލިއަން ރުފިޔާއެވެ. އެހެންވެ، މިދިޔަ އަހަރަށްވުރެ ވެސް 170 މިލިއަނެއްހާ ރުފިޔާ ހިލޭ އެހީން ދަށްވެއްޖެއެވެ.

ބަޖެޓުކުރި އަދަދަށް ބަލާއިރު ހިލޭ އެހީގެ ގޮތުގައި އަދި ލިބުނީ އެންމެ އަށް އިންސައްތައެވެ. ބަޖެޓުކުރި އަދަދުގެ 92 އިންސައްތަ އަދިވެސް ނުލިބެއެވެ.

ބޮޑެތި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުކަމަށް ނިންމާ 'ޖަންކް' ރޭޓިންއެއް ދީފައެވެ. އެހެންވެ، ހިލޭ އެހީއާއި ލޯނު ހޯދަން ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.


ޖުމުލަގޮތެއްގައި ބަލާއިރު އަހަރުގެ މިހާތަނަށް ޚަރަދުކުރީ 25.4 ބިލިއަން ރުފިޔާއެވެ. އެއީ، މި އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 26.3 ބިލިއަން ރުފިޔާއަށް ވުރެ 868.7 މިލިއަން ދަށް އަދަދެކެވެ. އެހެންވެ، ޚަރަދު ކުރަނީ ލިބޭ އެއްޗަކުންނޭ ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އެކަމަކު، ސަޕްލަޔަރުންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ އެބައޮތެވެ. އެ އަދަދުތަކުގެ ތަފުސީލު ވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންވެ، ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved