

މާލެ ސިޓީ ކައުންސިލާ، ހުޅުމާލެ ހަވާލުނުކޮށް ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ގާނޫނާ ޚިލާފުވެވަޑައިގަންނަވަމުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ހުޅުމާލެ، އެޗްޑީސީގެ އިހުތިސޯސުގެ ތެރެއިން އުނިކޮށް މާލެ ސިޓީ ކައުންސިލް އާ ހަވާލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން އެޗްޑީސީއިން އެހެން އެކަން އުޅޭ ކަމުގެ އިޝާރާތެއް ކުރި ނަމަވެސް އަދިވެސް އެކަމުގައި ކުރިއެރުންތަކެއް ލިބިފައިނުވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން އާޒިމް ވިދާޅުވީ، މަޝްވަރާތައް ފެށި ނަމަވެސް އުއްމީދު ކުރި ގޮތަށް ކަންކަން ނުދާ ކަމަށެވެ.
އެގޮތުން އެޗްޑީސީއިން ހުޅުމާލެއަށް މުނިސިޕަލް ހިދުމަތް ނުދީ ތަން ވީރާނާވާން ދޫކޮށްލާފައިވާކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ، އެކަންކަން ނުކުރެވެންޏާ މާލެ ސިޓީ ކައުންސިލާ ތަން ހަވާލުކުރުމަށް އެދޭ ކަމަށެވެ.
ގާނޫނުން ބުނާ ގޮތުގައި ހުޅުމާލެ ވިލިމާލެ އަދި މާލެ އަކީ މާލެ ސިޓި ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ތަންތަނުގެ ގޮތުގައި ކަނޑައަޅަފައި ހުރި ތަންތަން ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެހެންކަމުން ހުޅުމާލެ، މާލެ ސިޓީ ކައުންސިލްއާ ހަވާލު ނުކޮށް ރައީސް މުއިއްޒު ގެންދަވަނީ ގާނޫނާ ހިލާފުވަމުން ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުންވެސް ސަރުކާރުން ހިތްވަރު ދީގެން ބައެއް ތަންތަން މާލެ ސިޓީއާ ހަވާލުނުކޮށް ތިބިކަމަށާ ގޮތުން ނޮތު ހާބަރަކީ އެފަދަ ތަނެއް ކަމަށެވެ. އެމްޕީއެލްއިން އެތަނަށް ވެރިވަގެނެގެން އުޅެނީ ވެސް ގާނޫނާ ހިލާފަށް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.