theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް.-- / ޕީޖީ އޮފީސް
ސިޔާސީ
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ގޮސްފައިވާ ހިސާބު ޕީޖީ އޮފީހަށް ހުށަހެޅުމަށް ފުލުހުންނަށް އަންގައިފި
Yana Shareef
ޔާނާ ޝަރީފް
03 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ އެންމެންގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށާއި އަދި ފުލުހުން ބައިވެރިކޮށްގެން ތަހުގީގު ފުޅާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕީޖީ އޮފީހުން އަންގައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފުވުމުން ކުށް ސާބިތުވި  ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުވި ފަރާތްތަކަށް ލުއި ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޕީޖީން ހެދި އެއްބަސްވުންތަކެއްގެ ދަށުންނެވެ. އޭރު އެ ތަހުގީގު، ހިންގީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައި ތަހުގީގީ އިދާރާތައް ގުޅިގެންނެވެ.

އެ މައްސަލާގައި ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލުމަށްފަހު އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބު އެ އޮފީހަށް އަންނަ ބުދަ ދުވަހުގެ ކުރިން ފޮނުވަން އޭސީީސީއަށް އަންގާފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ އެ މައްސަލަތަކުގައި އެ އޮފީހުގެ އެހީތެރިކަން އޭސީސީއަށް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމުގެ ގޮތުން ޕްރޮސިކިއުޝަން ޓީމުތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން އެ މައްސަލަތަކުން ނުހައްގު މަންފާ ލިބިފައިވާ އާންމު މީހުންގެ ތަހުގީގުތަކުގައި ފުލުހުން ބައިވެރިކޮށްގެން ފުޅާ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ވެސް އޭސީސީއަށް އަންގާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޕީޖީން ބުނި ގޮތުގައި އެ މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް މަގުފަހި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ. އަދި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމުގެ މަސައްކަތް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް ވެސް މަސައްކަތްކުރާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved