ސްކޫލު ދަރިވަރުންގެ ބޭނުންތައް ނުފުއްދާ 30000 ރުފިޔާ ދީގެން މީހުން ނެރެގެން ޖަލްސާ ބޭއްވީމަ ހަޑި ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެނެޓަރ އަނީސާ ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އަނީސާ މިފަދައިން ވިދާޅުވީ، ސަރުކާރު ސްކޫލެއްގެ ކްލާހަކަށް ދަރިވަރުން ކިޔަވަން ބޭނުންވާ ސްމާޓު ޓީވީއެއް ގަންނަން ބެލެނިވެރިންގެ އެހީއަށް ސްކޫލުގެ ޕްރިންސިޕަލް އެދުމުން އެކަމާ ގުޅިގެން ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަ ދައްކަަވަމުންނެވެ.
އަނީސާ ވިދާޅުވީ، އެ ބެލެނިވެރިންގެ ކަންބޮޑުވުމާ އެކު ކުރި މެސެޖުތައް ފޯނުގައި އެބަ ހުރި ކަމަށާ ބެލެނިވެރިން މި ސަރުކާރު ސިފަކުރަނީ "ލަދު ހަޔާތް" ކުޑަ "ގޮތް ކުޑަ" ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.
އަނީސާ ވިދާޅުވީ، އެ ބެލެނިވެރިން ބުނެފައވާ ގޮތުގައި މިއަދު އާންމު ދިރިއުޅުމުގެ ހާލަތު ހުރީ އަނގަޔާ އަތާ ދިމާނުވާހާ ނިކަމެތިކޮށް ކަމަށްވާއިރު، ސަރުކާރުން ދަރިވަރުންނަށް ކޮށްދޭން ޖެހޭ ކަންކަން ބެލެނިވެރިންނާ ޖާމިނުކޮށްގެން ނުވާނެ ކަމަށެވެ.
އެކަމާ ގުޅިގެން އަނީސާ ވިދާޅުވީ، ސިޔާސީ ކަންކަމަށް މުޅި ދައުލަތުގެ ބަޖެޓު ތަޅާ ބުރުއްސަމުންދާއިރު، ދަރިވަރުންގެ ހެވާ ލާބައަށް ކަންކަން ސަރުކާރުން ނުކޮށްދީ ބެލެނިވެރިން "ފެލުމަކީ" ލަދު ހުތުރުކަން ކަމަށެވެ.
ފައިސާތައް ތަޅާ ބުރުއްސާ ދުންކާލި އަރުވަމުންދާއިރު ދަރިވަރުންނަށް ޓީވީއެއް ސަރުކާރަށް ގަނެ ނުދެވުމަކީ ލަދު ހުތުރުކަމެއް. ނުލާހިކު އަގު ހެޔޮކޮށް އިލެކްޓްރޯނިކު އެއްޗެއްހި އެ ހުންނަނީ ވިއްކަން. ކީއްވެތޯ ޓީވީ އެއް ގަނެލަ ނުދެވެން ވީ. އަޅުގަޑުވެސް އެވަރުކޮށްލަދޭނަން. އެކަމަކު 30000 ރުފިޔާ މުސާރަ މީހުންނަށްދީ ނެރެގެން ޖަލްސާ ބާއްވަން ކެރޭ. މިއީ ލަދު ހުތުރު ކަންކަމޭ.
އަނީސާ އިތުރަށް ވިދާޅުވީ، ބެލެނިވެރިން ދަނީ ރައީސް އަބްދުﷲ ޔާމީން ތައުލީމީ ދާއިރާއަށް ގެނެސްދެއްވި އިންގިލާބީ ބޮޑެތި ބަދަލުތަކުގެ މަތިން ހަނދާން އައުކޮށް އެފަދަ އިތުރު ދުވަސްތަކެއް ދުށުމުގެ އުއްމީދު އައު ކުރަމުން ކަމަށެވެ.