މި އަހަރުގެ ތެރޭގައި ފައިސާގެ ހިލޭ އެހީގެ ގޮތުގައި ލިބޭނީ ގާތް ގަނޑަކަށް 2 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި އަހަރަކީ ފައިސާގެ ހިލޭ އެހީގެ ގޮތުގައި ރެކޯޑު އަދަދެއް ލިބޭނެ ކަމަށް އަންދާޒަކޮށް ސަރުކާރުން ބަޖެޓުކުރި އަހަރެއް ނަމަވެސް ހިިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 1.8 ބިލިއަން ރުފިޔާ ނުވަތަ ރަސްމީ ރޭޓުގައި ޑޮލަރުން ހިސާބުކުރާއިރު 120 މިލިއަން ޑޮލަރުގެ ތެރެއިން ލިބޭނީ ގާތް ގަނޑަކަށް ދެ މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައިވެއެވެ.
އެކުވެރި ގައުމުތަކުން ފައިސާގެ ބޮޑު އެހީއެއް ލިބޭނެ ކަމަށް ސަރުކާރުން އުއްމީދުކޮށްގެން ތިބިއިރު ފައިސާގެ އެހީގެ ގޮތުގައި ޖެހި އަދަދު 99 ޕަސެންޓަކީ ބައިލެޓެރަލްކޮށް، އެކި ގައުމުތަކުން ލިބޭނެ ކަމަށް އުއްމީދު ކުރި ފައިސާއެވެ.
ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނީ 26.4 މިލިއަން ރުފިޔާ ކަމަށެވެ. ބާކީ ފައިސާއަކީ މަލްޓިލެޓެރަލް ކޮށް (5.5 މިލިއަން ރުފިޔާ) އަދި ވޮލަންޓަރީ ޖަމްއިއްޔާތަކުން (2.4 މިލިއަން ރުފިޔާ) ލިބޭ ފައިސާ ކަމަށް ބަޖެޓުގައި ޖަހާފައިވެއެވެ.
މި އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ލިބޭނެ ކަމަށް ބެލީ 1.6 ބިލިއަން ރުފިޔާއެވެ. އޭގެ އިތުރުން އެ ލިސްޓުގައި އޮތީ ޗައިނާ އޮތްއިރު އެ ގައުމުން 502 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރިއެވެ.
މި އަދަދަކީ ފައިސާގެ ހިލޭ އެހީ އާއި މަޝްރޫއުތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދު ހިމަނައިގެން ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރެވެ. އެހެންކަމުން މީގެ ތެރެއިން ފައިސާގެ ހިލޭ އެހީ ވަކިކުރާނެ ގޮތެއް ނެތެވެ.
ކަން މިހެން ހުރިއިރު ސަރުކާރުން އުއްމީދު ކުރި ގޮތަށް ފައިސާގެ ހިލޭ އެހީއެއް ވިޔަސް ޕްރޮޖެކްޓު އެހީއެއް ވިޔަސް ނުލިބެއެވެ. އަދި އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކުން ލިބޭނެ ކަމަށް އުއްމީދު ކުރި ވަރާ ގާތަށް ވެސް އެހީ ނުލިބެއެވެ.
ފިނޭންސުން ހާމަކުރާ ގޮތުގައި އިންޑިއާއިން ލިބޭނީ 25.3 މިލިއަން ރުފިޔާ އަދި ޗައިނާއިން ލިބޭނީ 12.2 މިލިއަން ރުފިޔާ ކަމަށެވެ. މިއީ ފައިސާ އާއި ޕްރޮޖެކްޓުތަކަށް ދޭ ފައިސާ ހިމަނައިގެން ލިބޭނެ ކަމަށް ބަލާ އަދަދެވެ.
އުއްމީދު ކުރި ވަރަށް މި އަހަރު ހިލޭ އެހީ ނުލިބުމާ އެކީ، ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ ކުރީގެ ބަޖެޓުތަކާ އަޅައިބަލާއިރު ނިސްބަތުން ވަރަށް ދަށް އަދަދެކެވެ.