March 16, 2026
Advertisement
.
. / ޕެންޝަން އޮފީސް

ފައިސާ ޗާޕުކުރުމުގެ މުއާމަލާތަށް ބޭނުންވާ ލިޔުންތަކުގައި ޕެންޝަން އޮފީހުގެ މުވައްޒަފުން ސޮއިކުރުމަށް ދެކޮޅު ހަދަނީ

Nov 17, 2025, 01:45 AM

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުންތަކުގައި ސޮއިކުރަން އެ އޮފީހުގެ އިސް ބައެއް މުވައްޒަފުން ދެކޮޅު ހަދަމުންދާކަން ހާމަވެއްޖެއެވެ.

Advertisement

މި ފަހަރު ފައިސާ އުފައްދަނީ ޕެންޝަން އޮފީހުން ގަނެފައި ހުރި ބޮންޑުތަކެއް އެމްއެމްއޭއިން ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހުން އަނެއްކާ ވެސް ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓުކޮށްގެންނެވެ. އެ ފައިސާ ޕެންޝަން އޮފީހަށް ލިބުމުން އަލުން ސަރުކާރުގެ ބޮންޑުގައި އިންވެސްޓް ކުރުމުން ފައިސާގެ ސަޕްލައި އިތުރުވާނެ އެވެ.

ތޭރައޮންލައިނަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބުނުގޮތުގައި އެ މުއާމަލާތާ ގުޅޭ ބައެއް ލިޔެކިޔުންތަކުގައި ސޮއިކުރުމަށް އެކި ގޮތްގޮތުން އެ އޮފީހުގެ އެންމެ އިސް މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ދަނީ ނުފޫޒު ފޯރުވަމުންނެވެ.

އެގޮތުން މި މުއާމަލާތްތަކަށް ސޮއިކުރުމަށް މަޖުބޫރު ކުރަމުންދާއިރު އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ވެސް ދީފަ އެވެ.

އޮކްޓޯބަރު މަހުގެ 22. ވަނަ ދުވަހު ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވި އެވެ.

އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ފޫއަޅުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އޮތް ނުރައްކާ ބޮޑު ކަމަށެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނީ ފައިސާ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ފައިސާ ޗާޕު ނުކުރާނެކަމުގެ ވައުދާއެކުގައެވެ. އެހެންނަމަވެސް މި ވައުދު ފުއްދުމަށް ވެސް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved