އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވަކި ކައުންސިލްތަކަކަށް ޓާގެޓުކޮށްގެން އޮޑިޓު ކުރަން ފަށައިފި އެވެ.
މައުލޫމާތު ލިބުނުގޮތުގައި ޓާގެޓުކޮށް އޮޑިޓު ކުރަން ނިންމާފައިވާ ބައެއް ކައުންސިލްތަކަށް މިހާރު ދަނީ އޮޑިޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ބައެއް ކައުންސިލްތަކުގެ އޮޑިޓު ކުރަން މަސައްކަތް ކުރަމުންދާއިރު، މުހިންމު ބައެއް ކައުންސިލްތަކުގެ އޮޑިޓުތައް ކޮށްފައެއް ނުވެ އެވެ. ގަވާއިދުން އޮޑިޓު ނުކުރާތީ އެކަމާމެދު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އެގޮތުން ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކައުންސިލް، މާލެ ސިޓީ ކައުންސިލް އޮޑިޓު ނުކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފަ އެވެ. މާލެ ސިޓީ ކައުންސިލް އޮޑިޓު ކޮށްނުދީގެން މާލެ ސިޓީގެ މޭޔަރު ވަނީ މިދިޔަ ނޮވެމްބަރު 19، ގައި އޮޑިޓު އޮފީހަށް ވެސް ގޮސްފަ އެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ކައުންސިލް، އައްޑޫ ސިޓީ ކައުންސިލުގެ އޮޑިޓު ރިޕޯޓެއް އެންމެފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ 2020 އަދި 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެވެ.
މުހިންމު ބޮޑެތި ކައުންސިލްތަކުގެ ގަވާއިދުން އޮޑިޓު ނުކުރާއިރު، ސަރުކާރުގެ ވުޒާރާތައް ވެސް ގަވާއިދުން އޮޑިޓު ނުކުރާތާ އަހަރުތަކެއް ވަނީ ފާއިތުވެފަ އެވެ.