ކުރިއަށް މިއޮތް ރޯދަ މަހުގައި ސްކޫލްތަކުގެ ކިޔެވުން 8:30 ގައި ފަށްޓައި މެންދުރުފަހު 15:00 ގެ ކުރިން ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިފިއެވެ.
މިނިސްޓްރީއިން އެގޮތަށް އަންގާފައިވަނީ ސްކޫލްތަކަށް ފޮނުވި ސާކިއުލާލެއްގައެވެ. އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9:00 އަކާއި ދެމެދު ފަށަން ޖެހޭނެ ކަަމަށެވެ. އަދި މެންދުރު 15:00 ކުރިން ކިޔެވުން ނިންމުމަށް އެ ސާކިއުލާގައި އަންގާފައިވެއެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައްވެސް ހެނދުނު 8:30 ގައި ކިޔެވުން ފެށުމަށް ވަނީ އަންގާފައިވެއެވެ.
އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ސްކޫލްގައި އެންމެ ގިނަވެގެން ކިޔަވައިދޭނީ އެއް ގަޑިއިރާއި 30 މިނެޓަށް ކަމަށާއި ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް ދެ ގަޑިއިރާއި 30 މިނެޓު އަދި ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ރޯދަ މަހު ކިޔަވައިދެވޭނީ ތިން ގަޑިއިރަށް ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ސާކިއުލާގައި އަންގާފައި ވަނީ، ރޯދަ މަހުގައި މާއްދާތައް ނަގައިދޭ ދިގުމިން 30-45 މިނެޓަށް ފެއްތުމަށާއި އަދި ރޯދަ މަހުގެ އެކި މާއްދާތައް ކިޔަވައިދިނުމަށް ލިބޭ ޖުމްލަ ވަގުތަށް ބަލައި، ކްލާސްތަކުގެ ޓައިމްޓޭބަލް އެކުލަވާލާއިރު މަދުވެގެން ދެ ހަފްތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށެވެ.
މީގެ އިތުރުން ދަންފަޅިތައް ރާވާއިރު ޓީޗަރުންގެ މަސައްކަތުގެ ގަޑި ޖުމްލަ ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެ ގޮތް ހެދުމަށާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަކާ ދެމެދު ސްކޫލްގެ އެއްވެސް ހަރަކާތެއް ނުރޭވުމަށްވެސް ސާކިއުލާގައި ވެއެވެ. އަދި ސެކަންޑަރީ އާއި ހައި ސްކޫލްގެ ދަރިވަރުންނަށް ހިންގާ ޕްރޮގްރާމްތައް ރޭގަނޑު 9:00 އަކުން 10:30 އާއި ދެމެދު ރޭވުމަށް ވެސް ސާކިއުލާގައިވެއެވެ.
މެންދުރުފަހުގެ ދަންފަޅި ވީހާ ވެސް އަވަހަކަށް ނިންމައި ޓީޗަރުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހެދުމަށްވެސް ސާކިއުލާގައި ވަނީ އަންގާފައެވެ.
މި އަހަރުގެ ރޯދަ މަހުގައި ކިޔަވައިދެނީ ފުރަތަމަ ދެ ދިހައެއްގައެވެ. ފަހު ދިހަޔަކީ ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.