ޚުދުމުހުތާރު ވިޔަސް ތިއީ ބޮޑު ވަރު! / ތޭރަގްރެފިކްސް
ރިޕޯޓު
ޚުދުމުހުތާރު ވިޔަސް ތިއީ ބޮޑު ވަރު!
21 އޭޕްރީލު 2025
މާލެ ސިޓީ

ރައީސްކަމަށް އާދެވުމަކީ އެއީ ރައްޔިތުންގެ އެތައް ހައްގެއް ރައްކާތެރިކޮށް މުޅި ގައުމުގެ ޒިންމާ އެ މީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އެހެންކަމުން ތިމަންނާއަށް ވެރިކަމަށް އާދެވުމުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ތިމާއަށް ވެރިކަން ކުރަން ފަސޭހަވާނެ ހުރިހާ މަގެއް ނުވަތަ ތިމާ ހިތް އެދޭ ގޮތަށް ވެރިކަން ކުރަން މަގު ކޮށުމަކީ ސީދާ ޚުދުމުހުތާރުކަމުގެ އިންތިހާއޭ ބުނެވިދާނެއެވެ.

އާދޭހެވެ. ތިޔަ ހީފުޅުވީ ރަނގަޅަށެވެ. މި ދައްކަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަރުވާ ޖަހައިގެން މިއުޅޭ އުޅުމަށެވެ. އެގޮތުން ބަލާއިރު ރައީސް މުއިއްޒުގެ ކަންކަން ހުރި ގޮތުން ނުވަތަ ސަރުކާރަށް ރައްޔިތުންގެ ނުރުހުން އަމާޒުވެ ރައްޔިތުންގެ އިތުބާރު ގެއްލުމުން ހުރިހާ ބާރުތައް ނަގާ އަތަށް ލައިގެން މިހާރު ހިންގަމުންދާ ޖަރީމާއަކީ ސީދާ ދެވަނަ ދައުރެއްގެ ޔަގީންކަން ނެތުމުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް އަތްބާނައިގެން ހާވަން އުޅޭ ހަޑިއެކެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ ރައްޔިތުންގެ މެޖޯރިޓީ ނެތަސް ވެރިކަން ކުރެވޭ ގޮތަށް ނުވަތަ ޕްރިފެރަންޝަލް ވޯޓިން ސިސްޓަމްއަކަށް ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ބަދަލުކުރުމަށް ރައީސް މުއިއްޒު އެމަނިކުފާނު މުލިއާގޭ ޒުލުގައި ބައިތިއްބައިގެން ކާންދީ ބޮޑުކުރާ މެމްބަރުން މެދުވެރިކޮށް މަސައްކަތް ފެށިކަމުގެ އަޑުތައް ގަދަވެފައިވެއެވެ. އަދި އެއީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަން ސާފުކޮށް ވަޓްސް އަޕް ގްރޫޕެއްގައި އާންމުންނަށް ފެންނާނެހެން ވެސް ވިދާޅުވެފައިވެއެވެ.

ކަންކަން މިހާ ހިސާބަށް ދިއުމުން ހިތަށް އެރީ ހަމަ އެންމެ ވާހަކައެކެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އިންސާނަކު ވެއްޓެން ނުވާ ދަރަޖައަކަށް މިސްރާބު މިޖެހެނީ ހާދަހާވާ އަވަހަކަށޭއެވެ. އަސްތާ މިހެން ބުނެވޭނެތާއެވެ. ވެރިކަމަށް އަދި ދޮޅު އަހަރު ވެސް ނުވެގެން އުޅެނިކޮށް ދެވަނަ ދައުރެއް ހޯދަން ގާނޫނު އަސާސީއާ ކުޅެނަގަން އަރުވާ ޖަހައިފިވިއްޔާއެވެ.

ރިޔާސީ އިންތިހާބުގައާ މަޖިލިސް އިންތިހާބުގައިވެސް ރައްޔިތުންނަށްވީ ވައުދުފުނިތައް ގޯނި ގޯނީގައި ތުން އައްސާ ބާރުކޮށް ގުދަންކޮށްފައި ބައިތިއްބައިގެން މި ފެށީ އެ ރައްޔިތުން ވޯޓު ނުދިނަސް ތިމަންނާއަށް ވެރިކަމަށް އާދެވޭނެ މަގު ފަހިކުރަންވިއްޔާއެވެ.

ރަސްމާލެ ހިއްކައި ނިންމައި ދެވަނަ ހުޅުމާލެއެއް ތަރައްގީކޮށް، ކަނޑުއަޑީގެ ޓަނަލަކުން ގުޅާލުމާއި ގދ. ތިނަދޫގެ ފަޅު ތެރޭގައި އަޅާ އިންޓަނޭޝަނަލް އެއާޕޯޓާއި ގއ. ވިލިނގިލީގައި ހަދާ އެއާޕޯޓުގެ މަސައްކަތްވެސް ކަދުރު ރުކަށް އެރި މީހާގެ ނަދުރަށްވެފައިވާއިރު މިހާރު ފެންނަމުން މިދަނީ ހުދު ރައީސް މުއިއްޒަށްވެސް ރައްޔިތުންގެ އިތުބާރު އެމަނިކުފާނަށް މިއޮއް އަވަހަށް ގެއްލިއްޖެކަން އެނގިވަޑައިގެންފިކަމުގެ އަލި ގަދަ ހެއްކެވެ.

ނަމަވެސް ރައްޔިތުންގެ އިތުބާރު ގެއްލުމަކީ ގާނޫނު އަސާސީއަށް ބަދަލު ގެެނެސް އެ ރައްޔިތުން އަތުގައި އޮތް ބާރެއް ނިގުޅައިގަންނަން ޖެހޭ ކަމެއް ނުމެނޫންމެއެވެ. ރައްޔިތުންގެ ލޯބި ހޯދަން ވާނީ ގަދަބާރުން ނޫނެވެ. އެއީ އެ ރައްޔިތުން ހިތުން ރުހުމުން ދޭ އެއްޗެއްކަށް ވެގެން މެނުވީ ވެރިކަން ކުރުމުގެ ފޮނިމީރުކަން އެއްވެސް ރައީސަކަށް ނުލިބޭނެއެވެ.

އެހެންކަމުން ރައީސް އަބްދުﷲ ޔާމީންގެ ހިޔަނީގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒާއި އަރިހުގައި ތިއްބަވާ ބައެއް ބޭފުޅުންނަށް، ދެވަނަ ދައުރެއް ލިބެންއޮތީ މިހާރު އިންތިހާބު ކާމިޔާބުކުރެވެން އޮންނަ އުސޫލު ފުނޑާލައިގެން ކަމަށް ވުމުން ނިޒާމު ފުނޑާލާ ރައްޔިތުންގެ ބާރު އަތަށް ނަގަން ރައީސް މުއިއްޒު އުޅުއްވިޔަސް ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ.

ޕްރެފަރަންޝަލް ނިޒާމަކުން ވިޔަސް ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން އަތަށް ކަރުދާސްކޮޅު ލިބިއްޖެ ނަމަ ދެވަނަ ދައުރެއް ހޯދުމަކީ ފަސޭހަކަމެއް ނޫންކަމެވެ. އެކަމުގެ މިސާލު ރާއްޖެއިންވެސް އަދި އެހެން ގައުމުތަކުން ވެސް ނަގަން ޖެހެނީ އަވައްޓެރި ސްރީލަންކާއިންނެވެ. އެގޮތުން ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިންތިހާބުން ބަލިވެވަޑައިގެންނެވި ގޮތް މިއީ ހެއްކަކަށް ފުދޭނެ ފުރިހަމަ މިސާލެކެވެ.

ރާއްޖޭގެ ރިޔާސީ ނިޒާމުގެ ތެރެއިން މަލްޓި ޕާޓީ ސިސްޓަމް އައިސް ވެރިކަން ކުރި ހުރިހާ ވެރިންވެސް ރައްޔިތުންގެ ތާއީދުނެތި ނުހޮވޭނެކަން އެނގުނުއިރުވެސް ގައުމުގެ ގާނޫނު އަސާސީއާ ކުޅެ ރައްޔިތުންގެ ބާރު ކަނޑުވާލަން މަސައްކަތްނުކުރެއެވެ. ރައްޔިތުންގެ ނިންމުން ގަބޫލުކުރިއެވެ.

އެހެންކަމުން ގާނޫނު އަސާސީ ވެސް އޮޅާލާ މުށުތެރެއަށް މަހާ ބާރުކުރިޔަސް ނެތް ތާއީދަކުން ވެރިކަމަށް ނާދެވޭނެއެވެ. އަދި އެއް ވާހަކައެވެ. ޚުދުމުހުތާރުކަން ރާއްޖޭގެ ވެރިކަމުގެ ތެރެއިން މުގުރާލާ ރެކޯޑު ގާއިމުކޮށް ގާނޫނު އަސާސީއާ ކުޅެމުން ތިދާ ދިއުމުގެ ނަތީޖާ ހިތިވާނެކަން ދަންނައްޗެވެ. ޚުދުމުހުތާރުވިޔަސް ތިއީ ބޮޑު ވަރެވެ. ވީހާވެސް ގިނަ ދުވަހު ވެރިކަމުގައި ދެމިހުރުމުގެ މުގާބިލުގައި ބަޑި ބޭހާ ކުޅެން ހަދައިގެން ތިކޮައި ފިހުން ނޫންކަމެއް ނުވާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved