މުއިއްޒު އެ ވިދާޅުވީ ހެޔޮކޮށެވެ. 2028 ގައި އެމަނިކުފާނު މަސައްކަތް ކުރައްވާނީ ގޭގައި އެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒު އެ ވިދާޅުވީ ހެޔޮކޮށެވެ. 2028 ގައި އެމަނިކުފާނު މަސައްކަތް ކުރައްވާނީ ގޭގައި އެވެ.
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 މޭ 2025
މާލެ ސިޓީ

ރާއްޖެއަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މިފަހުން ސަރުކާރުން އިފުތިތާހުކުރި "މޯލްޑިވްސް 2.0" އާއެކު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ މި ވާހަކަ އިވި ރައްޓެއްސަކު ގުޅާ އަޅުގަނޑު ގާތު ބުންނެވެ، ގުދުރަތު އެވެ. ރައީސް އެ ވިދާޅުވާ އެއްޗެއް "ގެޓް" ވޭ ހެއް ޔެވެ. އަޅުގަނޑު ދެންނެވީ މެވެ. އާއެކެވެ.

ރައީސް އެ ވިދާޅުވަނީ 2028 ވަނަ އަހަރުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ގޭގައި މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގެ ވާހަކަ އެވެ.

އަދި އެކަމަށް "މޯލްޑިވްސް 2.0" ގެ ޑިޖިޓަލައިޒޭޝަނުގެ ސަބަބުން އޮފީހުގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށެެވެ. އެ ބަދަލު ގެންނާނީ 2028 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ރައީސް ވިދާޅުވާ ކަމަށެވެ.

ރައީސް ވެރިކަމާއި ހަވާލުވި ފަހުން ގައުމުގެ ކަންކަން ހަމައިން ނެއްޓިއްޖެ ކަމަށް އަބަދުވެސް ބުނަމުން އަންނަ މި ރައްޓެހިމީހާ އަޅުގަނޑު ގާތު އަނެއްކާ ވެސް ބުންޏެވެ.

ގުދުރަތު އެވެ. ކަލޭމެންނަކަށް ރައީސް ވިދާޅުވާ އެއްޗެއް "ގެޓް" ނުވޭ ދޯ އެވެ. ރައީސް އެ ވިދާޅުވަނީ އަދި މުޅިން އެހެން ވާހަކައެއް ކަމަށް އޭނާ ބުނެ ދިނެވެ. ތަފްސީލަކަށް ދިއުމަށް އެދުމުން އޭނާ ބުނީ މުއިއްޒު 2023 ވަނަ އަހަރު ރައްޔިތުން ވޯޓުދީ އިންތިހާބު ކުރީ ރައީސް ޔާމީންގެ ހިޏަނނިން ކަމަށެވެ.

ނަމަވެސް މުއިއްޒު އަށް ވެރިކަން ލިބި ދައުލަތާއި ސަރުކާރުގެ ފޮނި މީރުކަން އޭނާ އަށް ލިބެން ފެށުމުން ރައީސް ޔާމީން މަތިން ހަދާން ނެތި ޕީޕީއެމް ވެސް އުވާލީ ކަމަށެވެ. އަދި ޕީއެންސީ އަށް ރައީސް މުއިއްޒު ހިޖުރަކޮށް އެ ޕާޓީގެ ރައީސް ކަން ހޯއްދެވައިގެން ރައްޔިތުންގެ މަޖިލިސް ބޭނުން ކުރައްވާ މިހާރު އެ ޖައްސަވާ ސަކަރާތަކީ މުއިއްޒުގެ ސިޔާސީ ހަޔާތުގެ ފަހު ސޮފްހާ ކަމަށެވެ.

އަޅުގަނޑު ރަހްމަތްތެރިޔާ ގާތު އެދުނީމެވެ. ތިޔަ ކިޔާ އެއްޗެއް ސާފުކޮށް ތިލަކޮށް ސާދާ ސީދާކޮށް ކިޔައިދީ ބަލާށެވެ.

އޭނާ ބުންނެވެ. ރައީސް ޑރ. މުއިއްޒު އަށް އިތުރު ރިޔާސީ ދައުރެއް ދިނުމުގެ ވާހަކަ އަބްދުއްރަހީމް ވެސް ހުއްޓާލައްވައިފި ނޫން ހެއްޔެވެ. އަދި ގާނޫނު ބަދަލުކޮށް ރައީސް މުއިއްޒުއަށް އިތުރު ދައުރެއް ފަހިކޮށްދީ ނުވަތަ ތަރައްގީއަށް އިތުރު ދުވަސް ބޭނުންވާ ކަމަށް ބުނެ ރިޔާސީ ދައުރު ދަންމާލުން މީ "ދިމްޔާތު" ގައި މިހާރު ދެކެވޭ ވާހަކަ ކަމަށެވެ. ބޭނުަމަކީ މި ދެމަފިރިންގެ އާއިލީ ވެރިކަން ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމެވެ.

ނަމަވެސް އޭނާ ބުނާ ގޮތުން ހާލަތާ މަންޒަރު ބަދަލު އެބަވެ އެވެ. ރައީސް މުއިއްޒު ފަހަތުން މުގޯލި އަޅަމުން އަންނަ މީހުންގެ އަދަދު މަދުވާން ފަށައިފި އެވެ. އަދި ރައީސް މުއިއްޒު އިތުބާރުކުރައްވާ އަދި ރައީސް މުއިއްޒުއަށް އިތުބާރު ކުރައްވާ ސިޔާސީން މިއަދު މަދުވެއްޖެ އެވެ.

އަދި ކިތަންމެ ބޭނުން ވިޔަސް ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ހެއްދެވި ދޮގުން ތިލަވި ބޭއިންސާފާއި ލާދީނީ ސިފަތަކުން މުއިއްޒުގެ ދެމަފިރިންގެ މަގުބޫލުކަން މިއަދު ދިވެހިންގެ ތެރޭގައި ގެއްލިއްޖެ އެވެ. އެކަން މުއިއްޒުގެ މުސާރަވެރިންގެ ގޮތުގައި ތިއްބެވި ދެތިން ސާދާގަރުން ނަށް ނޭނގުނަސް މުޅި ދިވެހި އުންމަތް އެދި ގޮވަނީ "މުއިއްޒު ނޫން ގޮތެއް" ކަން ހުދު މުއިއްޒު އަށް އަދި ވަކިން ދީނީ ތާކިހަލުގައި އުޅުއްވާ ސިޔާސީންނަށް މިއަދު ސާފެވެ.

އެހެންވެ އެމަނިކުފާނު މިހާރު އެވިދާޅުވާން ފެށީ 2028 ވަނަ އަހަރުގެ ފަހުކޮޅު އެމަނިކުފާނު ހުންނަވާނެ ހިސާބެވެ. މަސައްކަތް ކުރައްވާނެ ތަނެވެ. ދައުލަތުގެ އޮފީހުން ބޭރުކޮށް އެމަނިކުފާނު ކުރާނެ މަސައްކަތެއް ކުރަން ރައްޔިތުން އެމަނިކުފާނު ގެއަށް "ފޮނުވާލާނެ" ކަން މުއިއްޒު އަށް ވަރަށް ސާފުކޮށް މިހާރު އެގިއްޖެ އެވެ.

އެ ވިދާޅުވަމުން ގެންދަވަނީ އެވާހަކަ އެވެ. އާއެކެވެ. ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ވޯކް ފްރޮމް ހޯމް، ނުވަތަ ގޭގައި ތިބެގެން، ގާނޫނުގެ އުސޫލުގެ ތެރެއިން ރައްޔިތުން 2028 އަށް ރައީސް މުއިއްޒުގެ ވެރިކަން ނިންމާނެ އެވެ. އެއަށްފަހު އެމަނިކުފާނު މަސައްކަތް ކުރައްވާނީ ގޭގައި އެވެ.

އަޅުގަނޑުގެ ރަހްމަތް ތެރިޔާގެ ސިޔާސީ ބުއްދިން ވިސްނުމުން ފެންނަ ނަތީޖާ އަކީ މިއެވެ. 2028 ގައި ރައީސް މުއިއްޒު އަށް ރައްޔިތުން ބޮޑުކޮށް "ނޯ" ޖަހާނެ އެވެ. އަހަރެން ވެސް ރަހްމަތްތެރިޔާގެ ވާހަކަތަކަށް އެއްބަސްވަމުން ބޯޖަހާ ލީމެވެ.

ތެދެކެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެން ބަލައިގަންނަ ފެންވަރުގެ ހިދުމަތް ދިނުމާއި ހިންގުމުގެ ނިޒާމު ހަރުދަނާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ވެރިއެއްގެ ހައިސިއްޔަތުން މުއިއްޒު "ފެއިލް" ވެއްޖެ އެވެ. ދިވެހި ރައްޔިތުންނަށް މިއަދު މުއިއްޒު އެއީ މާޒީ އެވެ. ދިވެހި ރައްޔިތުން މިހާރު އުންމީދު އެކުރަނީ މާދަމާ އަށެވެ. މުސްތަގްބަލަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved