ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ފަނޑިޔާރުންނާއި ބައެއް މިނިވަން މުއައްސަސާތަކަށް މި މަހު މުސާރަތައް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސުން ވަނީ މަޖިލީހުން އެކުލަވާލައި އޮނިގަނޑާ އެއްގޮތަށް މި މަހު މުސާރައަށް ބަދަލުގެންނަ ނަމަ މުސާރަ ދޭން ޖެހޭ މުއްދަތުގައި މުސާރަ ނުދެވިދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ބައެއް މިނިވަން މުއައްސަސާތަކަށް އަންގާފަ އެވެ.
މި މަހުގެ މުސާރައާ އެކީ ބޮޑު ކުރި ވަރަށް މުސާރަ ނުލިބުނު ނަމަވެސް އަންނަ މަހުގެ މުސާރަތައް ދޭއިރު މި މަހު އުނިކުރި ބައި ހިމަނަން ފިނޭންސުން ވަނީ އަންގާފައެވެ.
އެގޮތުން އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް ނިންމައި އަންނަ މަހު އައު އޮނިގަނޑާ އެއްގޮތަށް މުސާރަ ދޭން ވާނެ ކަމަށް ވެސް ފިނޭންސުން ވަނީ ބުނެފައެެވެ.
ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް އައު އޮނިގަނޑުގެ ދަށުން މުސާރަ ނުލިބުނު ނަމަވެސް ލޯކަލް ކައުންސިލަރުންނަށް މި މަހު ބޮޑު މުސާރަ ލިބޭނެ އެވެ.
ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ އައު އޮނިގަނޑާ އެއްގޮތަށް މުސާރަތައް ދޭން ހުރިހާ ކައުންސިލުތަކަށް އަންގާފަ އެވެ.
މިދިޔަ މަހުގެ 28 ގައި ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންނާއި ލޯކަލް ކައުންސިލަރުންނާއި އެހެން ބައެއް މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ވަނީ ބޮޑު ކޮށްފައެވެ.