February 23, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / އަދަދު

ދައުލަތުގެ ބައެއް މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރި ނުކުރޭ ގޮތަށް ގަވާއިދެެއް ނެރެފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 30, 2024, 12:22 AM
މާލެ ސިޓީ

ދައުލަތުގެ މުވައްޒަފަކާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރި ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކާއި މުވައްޒަފަކާ ގުޅުން އޮންނަ މީހުންގެ ތެރެއިން އެއްގޮތަކަށް ވެސް ވިޔަފާރީގެ މުއާމަލާތް ނުކުރެވޭނެ ފަރާތްތައް ކަނޑައަޅައި ބުރާސްފަތި ދުވަހު ގަވާއިދެއް ނެރެފި އެވެ.

Advertisement

ފައިނޭންސް މިނިސްޓްރީން ގެޒެޓު ކުރި އެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރީގެ މުއާމަލާތެއް ހިންގޭނީ އެކަމަށް ބޭނުންވާ ހާއްސަ ހުއްދައެއް ނަގައިގެނެވެ. އަދި އެއްގޮތަކަށް ވެސް ވިޔަފާރީގެ މުއާމަލާތް ނުހިންގޭނެ ފަރާތްތައް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރިކުރުމުން ދައުލަތުގެ އޮފީހަކަށް ލިބިދާނެ މާލީ ގެއްލުން ކުޑަކުރުމާއ،ި ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމާއި، އެފަދަ ހާލަތްތަކުގައި ޢަމަލުކުރާނޭގޮތް ކަނޑައެޅުން މި އުސޫލުގައި ހިމެނެއެވެ. އަދި މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރިކުރި ކަމުގައިވިޔަސް، އެކަން ކުރާ ދައުލަތުގެ އޮފީހަށް އެކި ފަރާތްތަކުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން ވެސް މި އުސޫލުގައި ހިމެނެއެވެ.

މިކަމާ ގުޅޭ އުސޫލުތަކާއި މަސައްކަތް ހިންގުމުގައި ޢަމަލުކުރާނެ އިޖުރާއަތު (ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ ނުވަތަ އެސ.ްއ.ޯޕީ) ގެ ތެރެއިން މި އުސޫލާ ތައާރުޒުވާ އެންމެހައި އުސޫލުތަކާއި އެސ.ްއޯ.ޕީތައް ބާޠިލުވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި މި އުސޫލާ ޚިލާފަށް، މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގައިގެން ނުވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގަންވާނީ އެކަމަކަށް މި އުސޫލުގައި ކަނޑައަޅައިފައިވާ ހުއްދައެއް ލިބިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު މުޢާމަލާތް ހިންގުމަށް ހުއްދަދެވޭނެ ފަރާތްތަކާއި މިންގަނޑަކީ:

- ވިޔަފާރީގެ މުޢާމަލާތުގެ ޖުމުލަ އަގު 35,000 (ތިރީސް ފަސްހާސް) ރުފިޔާއާ ހަމަޔަށް ހުއްދަދޭނ،ީ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރުމަށް ލިޔުމަކުން އޭނާ ހުއްދަދީފައިވާ ފަރާތެވެ.

- ވިޔަފާރީގެ މުޢާމަލާތުގެ ޖުމްލަ އަގު 35,000 (ތިރީސް ފަސްހާސް) ރުފިޔާއިން ފެށިގެން 5,000,000 (ފަސް މިލިޔަން) ރުފިޔާއާ ހަމަޔަށް ހުއްދަދޭނީ ބިޑް ކޮމިޓީންނެވެ.

- ވިޔަފާރީގެ މުޢާމަލާތުގެ ޖުމުލަ އަގު 5,000,000 (ފަސް މިލިޔަން) ރުފިޔާއިން ފެށިގެން ހުއްދަދޭނ،ީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ.

މުވައްޒަފަކާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރީގެ ކޮންމެ މުއާމަލާތެއް ހިންގުމުގެ ކުރިން އެ ގަވާއިދުގެ ދަށުން ހާއްސަ ހުއްދަ ނަގަންޖެހެ އެވެ. ހުއްދަ ނަގަންޖެހެނީ ލިޔުމުންނެވެ.

ގަވާއިދުގައިވާ ގޮތުން ބައެއް މަގާމުތަކުގައި ތިބޭ މުވައްޒަފުންނާ ގުޅުން އޮންނަ އެއްވެސް ފަރާތްތަކާއެކު ވިޔަފާރި ކުރުމަށް ހުއްދަ ދީގެން ނުވާނެ އެވެ. އެ މުވައްޒަފުންނަކީ:

  1. ފައިސާއާ ބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފު
  2. ޕްރޮކިއުމަންޓުގެ އެންމެ އިސް މުވައްޒަފު
  3. ބިޑު އަދި ޕްރޮކިއުމެންޓް ކޮމެޓީގެ މެންބަރުން
  4. ޕްރޮކިއުމަންޓަށް ހުއްދަ ދޭ އެގްޒެކެޓިން
  5. ބިޑު ވަޒަން ކުރާ ނުވަތަ އެކަމަށް އެހީވެދޭ މެންބަރުން
  6. ބިޑު އަދި ޕްރޮކިއުމަންޓާ ގުޅޭ އެހެނިހެން ކޮމެޓީގެ މެންބަރުން
  7. މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް
  8. ބިޑު ނުވަތަ ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރުމުގައި ބައިވެރިވާ މުވައްޒަފުން

އެ މުވައްޒަފުންނާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގުން މަނާ ނަމަވެސް ކުއްލި ހާލަތްތަކުގައި މިނިސްޓްރީން ހުއްދަ ހޯދައިގެން ވިޔަފާރީގެ ގުޅުން ހިންގިދާނެ އެވެ. ކުއްލި ހާލަތެއް ކަމަށް ބެލޭނީ މާލީއްޔަތު ގަވާއިދުގައި ބުނާ ކުއްލި ހާލަތްތަކަށެވެ.

އެހެނިގެން މުވައްޒަފާ ގުޅުން އޮންނަ ފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން ހިންގާ ނަމަ އެކަމަށް ހުއްދަ ދޭނެ މިންގަނޑުތައް ވެސް ގަވާއިދުގައި ބުނެ އެވެ. އެގޮތުން، ވިޔަފާރީގެ މުއާމަލާތް 35،000ރ. އަށް ވުރެ ބޮޑު ނޫން ނަމަ ހުއްދަ ދޭންޖެހެނީ މާލީ ޒިންމާދާރު ވެރިޔާ އެވެ. އަދި 35،000ރ. އިން ފެށިގެން ފަސް މިލިއަން އާ ހަމައަށް ހުއްދަ ދޭންޖެހެނީ ބިޑު ކޮމެޓީންނެވެ. މުއާމަލާތް ފަސް މިލިއަނަށް ވުރެ ބޮޑު ނަމަ ހުއްދަ ދެވޭނީ ނެޝަނަލް ޓެންޑާ ބޯޑަށެވެ.

އެ ގަވާއިދުގައިވާ ގޮތުން ގުޅުން އޮންނަަ ފަރާތެއް ކަމަށް ބަލާނީ ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތުގެ "ކްލޯޒް ރިލޭޓިވް" އެއް ނުވަތަ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށެވެ.

އާއިލީ ގޮތުން ގުޅުން އޮންނަ މީހުން ތެރޭގައި:

  • ކައިވެނިކޮށްގެން އުޅޭ މީހާ
  • ދަރިން
  • އެއްބަނޑުއެއްބަފާ މީހުން
  • އެއްބަނޑު މީހުން
  • އެއްބަފާ މީހުން
  • ދޮންދަރިން
  • ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުން
  • ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަފާ މީހުން
  • ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުން
  • އެ މުވައްޒަފެއްގެ މައިންބަފައިން

އޭގެ އިތުރުން ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތާއި މުވައްޒަފަކާ ދެމެދު ވިޔަފާރީގެ ގުޅުން އޮތަސް ނުވަތަ މުވައްޒަފުގެ ކްލޯޒް ރިލޭޓިވަކަށް ވިޔަސް ބަލާނީ ގުޅުން އޮންނަ ފަރާތަކަށެވެ. އަދި ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތަކީ މުވައްޒަފު މުސާރައެއް ދޭ މީހެއް ނަމަވެސް ގުޅުން އޮންނަ ފަރާތެއްގެ ގޮތުގައި ބެލޭނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved