2023 ވަނަ އަހަރު ޢައްޔަންކުރެވުނު އާ ސަރުކާރާއިއެކު ދަޢުލަތުން ކުރާ ޚަރަދުތަކާއި، ލިބޭ އާމަދަނީތަކުގެ ތަފްސީލް ރައްޔިތުންނަށް ފެންނަހެން ކޮންމެ ހަފްތާއެއްގައި ނެރެމުން އަންނަ ފިސްކަލް ޑިވަލޮޕްމަންޓް ރިޕޯޓް ޝާޢިއު ނުކުރާތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
މި ރިޕޯޓް އެންމެފަހުން ނެރެފައިވަނީ 2024 މާރިޗް 26 ވަނަ ދުވަހުގައެވެ. 22 ދުވަސް ފާއިތުވެގެންދިޔައިރު ދަޢުލަތުގެ އާމްދަނީ އަށާއި ޚަރަދަށް އައިސްފައިވާ އެއްވެސް ބަދަލެއް ރައްޔިތުންނަށް ނޭގެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް މިއަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދުވަސްކޮޅާއި ދިމާކޮށް ސަރުކާރުން ބޮޑެތި ޕްރްޖެކްޓްތަކާއި، އެހެނިހެން ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވެއެވެ. މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ޒިންމާދާރުވުމަށް ގޮވާލަމުންނެވެ.
ދެފުށް ފެންނަ ސަރުކާރެއް ޤާއިމު ކުރަން އައި ބައެއްގެ ފަރާތުން ބޮޑު އިންތިޚާބަކާއި ދިމާކޮށް މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ފެނުމަކީ އިދިކޮޅު ފަރާތްތަކުގެ ނުރުހުމާއި، އަދި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ކުރާ އިތުބާރު ގެއްލިގެން ދާވަރުގެ ކަންކަމެވެ.
އެންމެ ފަހުން ޝާޢިއު ކޮށްފައިވާ ފިސްކަލް ރިޕޯޓުން ހާމަވާ ގޮތުން އާމްދަނީގެ ގޮތުގައި 7.8 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާއިރު، ޚަރަދު ކޮށްފައިވަނީ 8.9 ބިލިއަން ރުފިޔާއެވެ. ދަރަނި ކުޑަ ސަރުކާރެއް ޤާއިމު ކުރުމަކީ ރައީސް މުޢިއްޒުގެ ވަޢުދަކަށް ވާއިރު ދުވަހުން ދުވަހަށް ދަޢުލަތުގެ ދަރަނި އަދި ޚަރަދު މައްޗަށް ދާތަން މިދަނީ ފެންނަމުންނެވެ.
ދަޢުލަތުގެ ޚަރަދު ބޮޑުވެ، ފައިނޭންސް އަށް ބުރޫ އެރިޔަސް ވާނުވާ ރައްޔިތުންނަށް އެެނގެން ޖެހޭނެ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. އެހެންނޫނީ ރައީސް މުޢިއްޒުއަށް އިތުބާރުކޮށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކުން ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަށް ވޯޓު ދިނުމަކީ ނާދިރުކަމެކެވެ.