މެއި 26 ވަނަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުން 2025 ވަނަ އަހަރުގެ މާޗުގައި ނިމޭގޮތާއި ދިމާކޮށް އަހަރީ ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް ހަމަޖައްސާ އެކަޑަމިކް ކަލެންޑަރ އަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ އާއްމުކޮށްފައިވާ ޑްރާފްޓް ކަލެންޑަރގައި ވާގޮތުން އާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ފެބްރުއަރީ 23 އިން މާޗް 6 އަށެވެ. ޓީޗަރުން ސްކޫލަށް ނުކުންނަން ފަށަން ޖެހޭ ދުވަސް ކަމަށް އޭގައި ވަނީ މާޗް 5 އެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށް އޭރު ކަލަންޑަރުގައި ވަނީ މާޗް 9 އެވެ.
ނަމަވެސް، މިއަދު މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި "ފައިނަލް" ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގަ އެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.
އޮކްޓޫބަރު 6 ގައި ދެވަނަ ޓާމުގެ ކިޔެވުން ފަށައި އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ. މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ބޮޑު ޗުއްޓީ ނިންމައި 2025 ވަނަ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ އޭޕްރީލް 6 ގަ އެވެ. ޓީޗަރުން ނުކުންނަން ޖެހޭ ދުވަސް ކަމަށް އޮތީ އޭޕްރީލް 3 އެވެ.
އަންނަ އަހަރުގެ ރަމަޟާން މަސް ފެށޭ ދުވަސް ކަމަށް ކަލަންޑަރުގައި އޮތީ ފެބްރުއަރީ 28 އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ. އެއީ މާޗް 21 އިން އޭޕްރީލް 2 އަށެވެ.
ދިރާސީ އާ އަހަރު ފެށުން، ކުރިން އޮތް ގޮތަށް 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީއަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އަންނަ އަހަރު ޑިސެމްބަރުގައި ކުރިއެކޭ އެއްގޮތަށް ޑިސެމްބަރު މަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ސޯލިޙްގެ ވެރިކަމުގައި ކޮވިޑުގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، މި ސަރުކާރު އައިސްފައިވަނީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ގޮތަށް ބަދަލު ކުރުމުށް ބުނެ ރައްޔިތުންނަށް ވަޢުދުވެގެންނެވެ.
ނަމަވެސް ސަރުކާރުން މި ނިންމި ނިންމުމާއި އެކުގައި އަނެއްކާވެސް ދަރިވަރުންނަށާއި ތަޢުލީމީ ދާއިރާގައި އުޅޭ ފަރާތްތަކަށާއި އަދި ރައްޔިތުންނަށްވެސް މީގެ ނޭދެވޭ އަސަރުކުރާނެއެވެ.