ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދައަށް ވުރެ މުސާރަތަކަށް ކުރި ހޭދައިގެ މިންވަރު އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ތަފާސް ހިސާބުތައް ހާމަކޮށް އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރީ 1.8 ބިލިޔަން ރުފިޔާ ( 18،35.7 މިލިޔަން ރުފިޔާ) އެެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 4.4 ބިލިޔަން ރުފިޔާ (4،494.4 މިލިޔަން ރުފިޔާ ހަރަދުކުރިއެވެ.
ވަކިވަކި ދާއިރާތަކުން މަޝްރޫއުތަކަށް ހަރަދުކުރި ގޮތަށް ބަލާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 78.5 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކުރީ 26.9 މިލިޔަން ރުފިޔާއެެވެ.
ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް މިދިޔަ އަހަރު 51.8 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކުރީ 39.9 މިލިޔަން ރުފިޔާއެވެ.
ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 195.6 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކޮށްފައި އޮތީ 107.3 މިލިޔަން ރުފިޔާ އެވެ. އެއީ ޔުނިވާސިޓީތަކަށް ހަރަދުކުރި 7.1 މިލިޔަން ރުފިޔާ އާއި ސްކޫލްތަކަށް ހަރަދުކުރި 100.2 މިލިޔަން ރުފިޔާއެވެ.
ޔުނިވާސިޓީތަކާ ގުޅޭ މަޝްރޫއުތަކަށް މިދިޔަ އަހަރު 10.5 މިލިޔަން ރުފިޔާ ހަރަދުކުރި އިރު ސްކޫލްތަކުގެ މަޝްރޫއުތަކަށް 185.2 މިލިޔަން ރުފިޔާ ހަރަދުކުރިއެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް މިދިޔަ އަހަރު 202.7 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކުރީ 147.5 މިލިޔަން ރުފިޔާ އެވެ. އެއީ ކުނި މެނޭޖްކުރުމަށް ހަރަދުކުރި 46.2 މިލިޔަން ރުފިޔާ، ގޮނޑޮދޮށް ހިމާޔަތްކުރަން ހަރަދުކުރި 98.3 މިލިޔަން ރުފިޔާ، އިއާދަކުރަނިވި ހަކަތައަށް ހޭދަކުރި 3.0 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މިމުއްދަތުގައި ކުނި މެނޭޖްކުރުމަށް 45.5 މިލިޔަން ރުފިޔާ، ގޮނޑުދޮށް ހިމާޔަތްކުރުމަށް 139.1 މިލިޔަން ރުފިޔާ، ފެންހިންދާ ނިޒާމުތައް ގާއިމްކުރުމަށް 6.3 މިލިޔަން ރުފިޔާ އަދި އިއާދަކުރަނިވި ހަކަތައަށް 11.7 މިލިޔަން ރުފިޔާ ހަރަދުކުރިއެވެ.
ފެނާއި ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މިމުއްދަތުގައި 709.6 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރުގެ މިމުއްދަތުގައި ހަރަދުކުރީ 210 މިލިޔަން ރުފިޔާއެވެ.
ދަތުރު ފަތުރާ ގުޅޭ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 1.4 ބިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކުރީ 299.9 މިލިޔަން ރުފިޔާއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު 2.6 ބިލިޔަން ރުފިޔާ މަދުން ހަރަދުކޮށްފައިވާ އިރު ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދު 440.9 މިލިޔަން ރުފިޔާ އިތުރުވިއެވެ.
އެއީ މިއަހަރުގެ މިމުއްދަތުގައި ތައުލީމީ ދާއިރާ، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާ އަދި ފެނާ ނަރުދަމާގެ މަޝްރޫއުތަކަށް ހަރަދުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދެކެވެ. މި ދާއިރާތަކަށް މިއަހަރުގެ މިމުއްދަތުގައި ހަރަދުކުރި ފައިސާގެ ޖުމްލަ އަކީ ފިނޭންސްގެ ހިސާބުތަކުން އެނގޭ ގޮތުގައި 465،2 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު ދައުލަތުގެ އާމްދަނީ އަށް 515.1 މިލިޔަން ރުފިޔާ އިތުރުވި އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 12.7 ބިލިޔަން ރުފިޔާ އެވެ. މިއަހަރު ލިބުނީ 13.2 ބިލިޔަން ރުފިޔާއެވެ.
އެއީ ޓެކުހުގެ ގޮތުގައި ލިބުނު 10.8 ބިލިޔަން ރުފިޔާއާއި އެނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.2 ބިލިޔަން ރުފިޔާއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 91.4 ބިލިޔަން ރުފިޔާ ހިމެނޭ ގޮތުންނެެވެ.