ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފެށި ކަމަށް ކުރިން ބުނެފައިވީނަމަވެސް އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ފެށޭނީ މި ޖޫން މަހުގެ ތެރޭގައި އެ ބިން ހުސްވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
މި މިނިސްޓްރީއިން ނޫސްވެރިންނަށް ދީފައިވާ މައުލޫމާތުގައި އަރަބިއްޔާ ސްކޫލް އަޅަން ހަމަޖެހިފައިވާ ބިން ހުސްކުރުމުގެ މަސައްކަތް މި ފެށުނު ޖޫން މަހުގައި ނިމޭނެ ކަމަށް އެ ބިން ކުރިން ހަވާލުކޮށްފައި އޮތް އާރް.ޑީ.ސީ އިން އަންގާފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެށިކަމަށް ސަރުކާރުން ފާހަގަކުރި ހަފުތާ 14 ގައި ހިމަނާ، އެ މަސައްކަތް ބައްލަވާލައްވަން އެޑިއުކޭޝަން މިނިސްތަރު ވަޑައިގެންނެވި ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި މިނިސްޓްރީއިން ޕޯސްޓްކޮށްފައިވެއެވެ. ނަމަވެސް، އޭގެ ފަހުން ކުރިން މަސައްކަތް ފެށި ކުރެހުމަށް ބަދަލު ގެނެސް، އަންޑަ ގްރައުންޑް ޕާކިންގ އެއް އިތުރުކޮށް، އިތުރަށް ގެންނަ ބަދަލުތައް ޓެންޑާ ބޯޑަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭޕްރީލް 30 ގައި މިނިސްޓަރު ވަނީ ބުނެފައެވެ.
މި ލަސްތަކާއި އެކުވެސް 2026 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އާ އިމާރާތް ނިންމާނެކަމަށް މިނިސްޓަރު ޔަގީންކަން ދެއްވި ނަމަވެސް ރާއްޖޭގެ އިޤްތިސާދީ ހާލަތު ހީނަރުވެފައިވާ ކަމަށް ސަރުކާރުންވެސް ބުނަމުން އަންނަ އިރު ބުނެފައިވާ ދުވަހަށް އިމާރާތް ނިމޭނެކަމާއި މެދު ސްކޫލުގެ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދަތުރަކަށް ފަހު ދަތުރެއް ދައުލަތުގެ ޚަރަދުން އިސްރާފުކޮށް ކުރަމުން އަންނައިރު ދިވެހިންނަށް ބޭނުންޖެހިފައިވާ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން މިވީ 6 މަސް ތެރޭގައި އެކަށޭނަ މަސައްކަތްތަކެއް ކުރަމުން އަންނަތަނެއް ނުފެންނަ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.
އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާއި 168.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިނަމަވެސް، ފަހުން އިތުރުކުރި ބަދަލުތަކާއި އެކު އިތުރުވި އަގު ހާމަކޮށްފައިނުވާކަންވެސް ފާހަގަކޮށްލެެވެއެވެ.