

ސްކޫލްތަކުން ކޮންމެ ކްލާހަކަށް ވަކި ވަކިން ވައިބާ ގުރޫޕު ނުހެދުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިފިއެވެ.
ދަރިވަރުންނަށް އެދުވަހަކު ސްކޫލްގައި އުޅުނު ވަގުތު ކިޔަވައިދިން ފިލާވަޅުތައް މައިންބަފައިންނަށް އަންގައިދީ އިތުރުހަރަކާތްތަކާއި ބެހޭ މައުލޫމާުތު ދިނުމުގައި އިސް ރޯލެއް އަދާކުރާ މި ވައިބާ ގުރޫޕްތައް ނުހެދުމަށް އަންގާ އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ސާކިއުލާއެއް އާންމުކޮށްފައިއެވެ.
މި ސާކިއުލާގައި ބުނެފައި ވަނީ 24 ގަޑިއިރު އެކްޓިވްކޮށް ހުންނަ ވައިބާ ގްރޫޕްތަކާ ގުޅިގެން ޓީޗަރުންގެ ކަންބޮޑުވުން އޮންނަ ކަމަށާއި، އެކަން ބަދަލުކޮށް، ވައިބާ ގްރޫޕްތައް ހިންގަން އެ މިނިސްޓްރީއިން ވަކި އުސޫލެއް ގާއިމު ކުރާނެ ކަމަށެވެ.
ދަރިވަރުންނާއިި ގުޅޭ ސުވާލުތައް ޓީޗަރުންނާއި ކުރުމަށް ބެލެނެވެރިން މި ވައިބާ ގުރޫޕްތައް ބޭނުން ކުރާކަންވެސް ފާހަގަކޮށްލެވެއެވެ.
ނަމަވެސް މި ސާކިއުލާގައި ވަނީ ސްކޫލްގައި ކިޔަވާދޭ ވަގުތުގެ 2 ގަޑިއިރު ފަހުން ވައިބާ ކޮމިއުނިޓީ ގްރޫޕުގައި އެއްވެސް މެސެޖެއް ނުވަތަ އަޕްޑޭޓެއް ނުފޮނުވުމަށް އަންގާފައިއެވެ.
ބެލެނެވެރިންނާއި ޓީޗަރުންނާއި ވަކިވަކިން މުއާމަލާތް ކުރުމަށް މި ގްރޫޮޕްތައް ބޭނުން ނުކުރުމަށްވެސް ސާކިއުލާގައި ވަނީ ބުނެފައިއެވެ.
އަދި ދަރިވަރުންގެ އުނގެނުމަށް މި ގްރޫޕުތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުން އަމިއްލައަށް އިސްނަގައިގެން ހަރުދަނާވުމަށް ބާރުއެޅުމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައިއެވެ.