ރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތް ގޮތް އޮޅުވާނުލާ ރައްޔިތުންނަށާއި މަޖިލީހަށް މާލީ ވުޒާރާއިން ހާމަކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ސަރުކާރަށް ގޮވާލުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ޕީއެންއެފްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ނާޒިމްގެ ވާހަކަތަކުން ރާއްޖޭގެ އިޤްތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވަރަށް ބޮޑަށް ސާފުވެގެން ގޮއްސިކަމަށެވެ. އަދި ސަރުކާރު ހިންގަމުންދަނީ އެކުވެރި ގައުމުތަކުގެ އެހީގައި ކަމަށް މާލިއްޔަތާއި ބެހޭ ވަޒީރު ވިދާޅުވެފައިވީ ނަމަވެސް ރާއްޖެއިން ބޭރުގެ އެއްވެސް ގައުމަކުން އެހީއެއް ނުވާކަމަށާއި މިނިސްޓަރު ހެއްދެވީ އިތުރުފުޅެއްކަން ހާމަވާ ކަމަށެވެ.
މީގެ އިތުރުން، ފޮނި އުއްމީދުތަކަކާއި އެކު މި ސަރުކާރު ހޮވުމަށް ވޯޓު ދީ، ވަޒީފާތަކަށް އައްޔަނުކުރި ފަރާތްތަކުގެ ވަޒީފާތަކުގައި ގިނަ ދުވަހު ތިބެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށްވެސް މަލީހް ފާހަގަކޮށްފައިވެއެވެ.
މި ސަރުކާރު ހިންގަމުންދާނީ ކުރިން ވެރިކަން ކުރި ފަރާތްތަކާއި މުޅިން ތަފާތުކޮށް ރައްޔިތުންނަށް ކަންކަން ސިއްރު ނުކޮށް ވަރަށް ހާމަކަން ބޮޑުގޮތެއްގައި ކަމަށް ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް، އިންތިޚާބީ މޫސުން ނިމި ދައުލަތުގެ މާލީ ހާލަތާއި ގުޅިގެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ މިންވަރު ފަދަ މައުލޫމާތުތައް ރައްޔިތުންނަށް ސަރުކާރުން ހާމަނުކޮށް އޮޅުވާލަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
އިންތިޚާބަށް ރާއްޖޭގެ ދައުލަތް އެއްކޮށް ދޮވެލުމަށްފަހު ގައުމު ހިންގާނެ އެއްވެސް ފައިސާ ފޮއްޗެއް ނެތް ކަން މިހާރު ޔަގީންވެއެވެ.
މަޖިލިހުގެ ނައިބު ރައީސް އެއެދިވަޑައިގަތީ ސިޔާސީ ބައި އެއްފަރާތުގައި ބާއްވާފަ ދޮގުނަހަދާ ތެދަށް ޤައުމުގެ އިޤްތިސާދީ ހާލަތު ފިނޭންސް މިނިސްޓްރީއިން ހާމަކޮށްދިނުމަށް. ވާހަކަތަކުން ސާފުވީ އިކޮނޮމީ އޮތީ ވެންޓިލޭޓަރުގަން. ބޭރުޤައުމަކުން ފައިސާ ނުލިބުނުކަން. ވަޒީފާތަކުން ކަނޑާނެކަން.
— Mohamed Maleeh Jamal (@maleehjamal) June 6, 2024
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ނާޒިމް ވިދާޅުވީ އިގްތިސާދީ ހަގީގަތާ ކުރިމަތިނުލާ ނަމަ ކުރިއަށް އޮންނާނީ ބަނަ ދުވަސްތަކެއް ކަމަށެވެ.
ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައި އޮތް ބަނަކަން ރައްޔިތުންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން އެ މަންޒަރު ރަނގަޅަށް ސިފަކޮށްދީގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަދި އަސްލު މަންޒަރު ސިފަކޮށްދިނުމަކީ ރައްޔިތުންގެ ހައްގުގައި ވެސް އަދި ގައުމުގެ ހައްގުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް އިތުރަށް ވިދާޅުވީ މި ކޮމެޓީގައި އިސްކުރަން ޖެހޭނީ ސަރުކާރު ހިންގާ މައި ޕާޓީ (ޕީއެންސީ) ގެ މަސްލަހަތެއް ވެސް ނޫން ކަމަށާއި އަމިއްލަ މަސްލަހަތެއް ވެސް ނޫން ކަމަށާއި، ގައުމުގެ މާލިއްޔަތުގެ މަސްލަހަތު ކަމަށެވެ.
އިގުތިސާދީ ކަންކަން އޮތްނެތް ގޮތް ބަލާއިރު ގައުމު ބަނގުރޫޓުވާ ފަދަ ހާލަތެއްގައި އޮތް ނަމަ ޓެކްސް ބޮޑު ކުރުން ކަމަށް ވިޔަސް ނުވަތަ އެހެން ފިޔަވަޅެއް ވެސް އެޅޭނީ ސަރުކާރުން ހާލަތު ބަޔާން ކޮށްދީގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.