ކަނދިކަމަނާ މަސްތެލުލާހެން ކަންކަން ކުރީމަ ގައުމު ގައުމު ދާނީ ބަނގުރޫޓުވެގެން ކަމަށް ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒް، ޕާޕާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕާޕާ ވިދާޅުވީ މި ސަރުކާރުން ގައުމު ހިންގަނީ ކަމަކަށް ކަމެއް ކުރާފަދައިންނެވެ. އަދި މިފަދައިން ކަންތައް ކުރުމުން ގައުމު ދަނީ ބަނގުރޫޓުވަމުން ކަމަށެވެ.
މި ސަރުކާރުން ވެރިކަން ފަށާފައި ވަނީ ފަތިސް ނަމާދުންނެވެ. މިކަމަށް އިޝާރާތް ކުރައްވާ ޕާޕާ ވިދާޅުވީ، ފަތިސް ނަމާދުން ސަރުކާރު ފެށި ނަމަވެސް ރައްޔިތުންނަށް ދެ މޫނު ދައްކައިގެން އުޅުމުން ގައުމުގެ މަސްލަހަތު ރަނގަޅުނުވާނެ ކަަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނާއި ބޭރު ގައުމުގެ މީހުންނަށް މިފަދަ ދަޅަ ދައްކައިގެން ގުބޯނުހެއްދޭނެކަމަށްވެސް ޕާޕާ ވިދާޅުވިއެވެ.
މިފަދައިން މަސައްކަތް ކުރުމުން ގައުމު ދާނީ ބަނގުރޫޓުވެގެން ދާތަން ރައީސް ޑރ. މުޙައްމަދު މުއީޒަށް ފެނިވަޑައި ނުގަންނަވަނީތޯވެސް ޕާޕާ ވެނީ ސުވާލު އުފައްދަވާފައިއެވެ.
ޕާޕާ މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއިން ހަރުދަނާ އިގްތިސޯދީ ފިޔަވަޅުތައް އަވަސްނުކޮށްފިނަމަ ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ އިޝާރާތެއް ވޯލްޑް ބޭންކުންވެސް ވަނީ ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.