ޚަރަދު ކުޑަކުރާނެކަމަށް ބުނެ އައި ސަރުކާރުން ރިކަރަންޓް ޚަރަދަށް ކުރި ހޭދަ އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ހިސާބުތަކުންނެވެ.
ހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓު ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 14.1 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހަރަދުކުރީ 13.5 ބިލިއަން ރުފިޔާއެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރިކަރަންޓު ހަރަދުތަކަށް ހޭދަކުރި މިންވަރަށްވުރެ މި އަހަރު ރިކަރަންޓު ހަރަދުތަކަށް ހޭދަކުރި މިންވަރު 4.5 އިންސައްތަ އިތުރެވެ. އެއީ ނިމުނު އަހަރަށްވުރެ ގާތްގަނޑަކަށް 627 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުސާރައާއި އިނާޔަތްތަކަށް ކުރި މި ސަރުކާރުން ހަރަދެވެ.
އެގޮތުން މި އަހަރުގެ ޖޫން ހަ ވަނަ ދުވަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 5.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މުސާރައާ އިނާޔަތްތަކަށް ހަރަދުކޮށްފައިވަނީ 4.9 ބިލިއަން ރުފިޔާއެވެ.
މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދުގެ ތަފުސީލަށް ބަލާއިރު މުސާރަ ދިނުމަށް 2.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މުވައްޒަފުންގެ އިނާޔަތްތަކަށް 2.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ޕެންޝަނަށް 831 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މި ހިސާބުތަކަށް ބަލާއިރު މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރި ހަރަދު ފާއިތުވި އަހަރާ އަޅާބަލާއިރު 12.2 އިންސައްތަ އިތުރުވެފައިވެއެވެ. އެއީ ގާތްގަނޑަކަށް 552 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދުގެ އިތުރަށް ހިންގުމުގެ ހަރަދުތައްވެސް ފާއިތުވި އަހަރަށްވުރެ އިތުރުވެފައިވެ އެވެ. އެގޮތުން މި އަހަރު 8.5 ބިލިއަން ރުފިޔާ ހިންގުމުގެ ހަރަދުތަކަށް ހޭދަވިއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހޭދަވީ 8.3 ބިލިއަން ރުފިޔާއެވެ.
މި ސަރުކާރުގެ ރިކަރަންޓު ޚަރަދު މިހާ ހިސާބަށް އައިއިރު ކުރި ސަރުކާރަށް ވުރެ އިތުރުވެފައިވާއިރު، މި ސަރުކާރަކީ ޚަރަދު ކުޑަކޮށް ހިންގާނެ ކަމަށް ވައުދުވެ އައި ރައީސްއަކު ހުންނެވި ސަރުކާރެކެވެ. ނަމަވެސް މި ސަރުކާރުން ގެންދަނީ ސިޔާސީ އެކު ވަޒީފާތައް އުފައްދާ އަދި މީގެ އިތުރުން ކުންފުނިތަކުަގއިވެސް ސިޔާސީ ނުފޫޒުން އެކި މަގާމުތައް އުފައްދާ ވަޒީފާތައް ދެމުންކަން ފާހަގަކޮށްލެވެއެވެ.