February 23, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / އަދަދު

ފިޗުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 27, 2024, 07:35 PM
މާލެ ސިޓީ

އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު ދަށް ކޮށްފިއެވެ.

Advertisement

ސަބަބެއް ކަމުގައި ފިޗުން ހާމަކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައެވެ. އެގޮތުން ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކުރީ ރާއްޖޭގެ ދައުލަތުގެ ދަރަނި ބޮޑުވަމުން ދިޔުމާއި ބޭރުން ފައިނޭންސް ކުރުމަށް އޮތް ދަތިތަކާ ގުޅިގެން ކަމަށެވެ. ފިޗުން ރާއްޖޭގެ ރޭޓިން ދަސް ކުރީ ސީސީސީ ޕްލަސްއަށެވެ.

މިއަހަރުގެ މި ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭއިރު ބޭރުން ފައިސާ ހޯދާ މިންވަރު މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު މި ސަރުކާރުން ކުޑަ ކުރާނެ ކަމަށް ބެލެވޭ ކަމަށް ފިޗުން ބުނެފައިވެއެވެ.

ކުރިއަށް އޮތް އަހަރުގައި ވެސް ރާއްޖޭގެ ފޮރިން ރިޒާވަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ފިޗުން ބުނެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު 748 މިލިއަން ޑޮލަރު ހުރި ރިޒާވެއް މިއަހަރު 492 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފިޗުން ފާހަގަކުރެއެވެ.

މިއަހަރު ސޮވްރިން ދަރަނީގެ ގޮތުގައި 233 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އަދި ގެރެންޓީ ދީފައިވާ 176 މިލިއަން ޑޮލަރު ވެސް ދައްކަން ޖެހޭ ކަމަށް ފިޗުން ނެރުނު ރޭޓިން ކޮމެންޓްރީގައި ބުނެފައިވެ އެވެ. އެ އަދަދު 2025 ގައި 557 މިލިއަން ޑޮލަރު އަދި 2026 ގައި އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ. އޭގެ ތެރޭގައި ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވެސް ހިމެނެއެވެ.

އެ ފައިސާ ހޯދުމަށް ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ރާއްޖޭން ބަރޯސާވާން ޖެހޭއިރު މިވަގުތު އެސްޑީއެފްގައި ހުރީ ޑޮލަރުގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ހުރި 54 މިލިއަން ޑޮލަރަކީ ކުޑަ އަދަދެއްކަން ފިޗުން ފާހަގަކުރެއެވެ.

ފިޗުން ފާހަގަ ކުރި އަނެއް ކަމަކީ ދަރަނި އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރު ޖީޑީޕީގެ ނިސްބަތުން 109.4 ޕަސެންޓުގައި ހުރި ދަރަނި 2026 ގައި 117.6 ޕަސެންޓަށް އިތުރުވާނެ ކަމަށް ފިޗުން ވަނީ ލަފާކޮށްފައެވެ. މެދު ރާސްތާގައި އެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ސަރުކާރުން ހުށަހަޅާ މާލި އިސްލާހީ އެޖެންޑާގައި ހިމެނޭ ސަބްސިޑީ ރިފޯމްތައް ތަންފީޒުކުރަން ފަށާނީ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށް ފިޗުން ބުނެފައިވެ އެވެ. ސަރުކާރުން އަދި މިކަމުގައި ޓައިމްލައިނެއް ހާމަކޮށްފައި ނުވެއެވެ.

ސަރުކާރުން ކުރިއަށް އޮތް ތަނުގައި ވެސް ހަރަދު ކުޑަކުރަން އިތުރު ހަރުކަށި ފިޔަވަޅުތައް އަޅަން މަޖުބޫރު ވާނެ ކަމަށާއި ރާއްޖެއަކީ އިމްޕޯޓަށް އެއްކޮށް ބަރޯސާވާ ގައުމަކަށްވުމާއެކު ޑޮލަރުގެ ތާށިކަން ވެސް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved