February 23, 2026
Advertisement
މާލީ ވަޒީރު ޝަފީގު
މާލީ ވަޒީރު ޝަފީގު / އެޑިޝަން.އެމްވީ

ދައުލަތުގެ މާލީ ހާލަތު ބަޔާން ކުރާ ފިސިކަލް ރިޕޯޓު އާންމުކުރުން ހުއްޓާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 10, 2024, 05:53 PM
މާލެ ސިޓީ

ދިވެހި ސަރުކާރު ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ޖަހާފައިވާކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ސަރުކާރުން މާލީ ހާލަތު ބަޔާންކޮށް އާންމުކުރާ ފިސިކަލް ރިޕޯޓު އާންމުކުރުން ފިނޭންސް މިނިސްޓްރީއިން ހުއްޓާލައިފިއެވެ.

Advertisement

ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ގޮތަށް ކޮންމެ ހަފްތާއަކު ގަވާއިދުން ޝާއިއުކުރާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމުނުކުރާތާ ތިން ހަފްތާ އާ މިހާރުވަނީ ގާތްވެފައެވެ.

އެގޮތުން އެންމެ ފަހުން އެފަދަ ރިޕޯޓެއް ސަރުކާރުން އާންމުކޮށްފައިވަނީ، ޖޫން 20 ވަނަ ދުވަހުގައެވެ. އެ ރިޕޯޓުގައި އޮތީ ޖޫން 20 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތަކުގެ ތަފްސީލެވެ. އޭގެ ފަހުން މި ފާއިތުވެގެންދާ ދުވަސްތަކުގެ މައުލޫމާތު ވަނީ ހާމަނުކޮށެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އާންމު ނުކުރާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ރައްޔިތުންނަށް ގައުމުގެ މާލީ ހާލަތު އެނެގެން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް މީގެ ކުރިން ހާމަކޮށްފައިވެއެވެ. އަދި ހިތި ބޭހެއް ބޯން ޖެހޭނަމަ އެކަންވެސް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފިސިކަލް ރިޕޯޓު އާންމުނުކުރާ ސަބަބާ ގުޅިގެން މައުލޫމާތު ހޯދާލަން ކުރި މަސައްކަތްވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، މާލީ ހާލަތުވަނީ ހީނަރުވެ، އިޤްތިޞާދު ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައި އޮތްއިރު ސަރުކާރުން ހިސާބުތައް ހާމަނުކޮށް ހުއްޓާލުމަކީ ނުރައްކާތެރިކަމެއްގެ ގޮތުގައި މިކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނަމުން ދެއެވެ.

އެންމެ ފަހުން ސަރުކާރުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީއަށް 15.8 ބިލިއަން ރުފިޔާ ލިބުނުއިރު އާމްދަނިއަށް ވުރެ 2 ބިލިއަން ރުފިޠާ އިތުރަށް ޚަރަދުކޮށްފައިވެއެވެ. އެގޮތުން ދައުލަތުން ހަރަދުކުރީ 17.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ހިސާބުތަކުން ހާމަވާގޮތުގައި ދައުލަތުގެ އާމްދަނީއަށް ވުރެ ބޮޑަށް ސަރުކާރުން ދަނީ ޚަރަދު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved