އިގްތިސާދު ދަށްވުމުގެ ސަބަބުން "ހިތި ބޭހެއް" ބޯން ޖެހުނަސް ދައުލަތުގެ ބޮޑުން އެކަން އެގޮތަށް ނުކުރާނެ ކަމަށާއި އަދި ސަރުކާރުން އެތައް ކަމެއް ވަންހަނާ ކުރަމުންދާތީ މިއީ ސިއްރު ދައުލަތެއްގެ ގޮތުގައި ރައީސް އަބްދުالله ޔާމީން ސިފަކުރައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓު އޮފިހުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަަމުންނެވެ.
ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ގައުމުގެ އިގްތިސޯދާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން ބޮޑު ބަޖެޓެއް ފާސްކޮށްގެން ސަރުކާރުން ހިންގަމުން ދަނީ ފައިދާއެއް ނުކުރާނެ ބޭނުމެއް ނެތް ކަންކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މި ގައުމުގެ ބަޖެޓު ރިވައިސްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ނަމަވެސް ސަރުކާރުން މާލީ ހާލަތު ސިއްރު ކުރަމުންދާތީއާ ގަވާއިދުން ޝާއިއުކުރަމުންދިޔަ މާލީ ހާލަތާ ގުޅޭ ރިޕޯޓުތައް މިހާރު ސިއްރުކޮށްފައިވާތީ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.
ވެރިކަމާ ހަވާލުވެ ސަރުކާރުން ކޮށްފައިވާ ބައެއް ހަރަދުތަކަކީ މާލީ ހާލަތާ ނުބައްދަލު ހަރަދުތަކެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވިއެވެ. އޭގެ ތެރޭގައި، ރަސްމާލެ މަޝްރޫއު އާއި ޑްރޯން ގަތުމާއި އަދި ސަރުކާރުން ހަފްލާތަކަށް ކުރި ހަރަދުތައް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މީހުން މަގޫ ފަތް ކެއި ވާހަކަ އަޑު އެހިން. ހަމަ ގައިމު ވެސް މާލޭގައި ތިބޭ ބޮޑުންނެއް މަގޫފަތެއް ނުކައި. ހިތިބޭސް ބޯން މި އަންގަނީ. މާލޭގައި ތިބި ބޮޑުންނެއް ހިތި ބޭހެއް ނުބޯނޭ. ހިތި ބޭސް ބޯންޖެހޭނީ ނިކަމެތި ދިވެހި ރައްޔިތުން. މި ހުރިހާ ހިތި ބޭހެއް ބޮއެގެން ކޮންއިރަކުންހޭ މާމުއި ކޮޅެއް ބޯލަން ލިބޭނީ. ނެތެއް ނޫންތޯ އެކަން ވާކަށް. މާމުއިކޮޅެއް ބޮވޭނެ ގޮތެއް ނެތޭ،
ރައީސް ޔާމީން ވިދާޅުވީ ގައުމުގެ މާލީ ހާލަތު ސިއްރުނުކޮށް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށާ އޭގެ ސަބަބުން ކަމަުރ ބަދެ ދަތި ދަތުރަށް ތައްޔާރުވާން ރައްޔިތުންނަށް އެނގޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.