މިނިވަން ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން ގެޒެޓުކުރި އިއުލާނެއްގައި ބުނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން 26 ޖުލައި 2024 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ އެއްގަމު އުޅަނދު ދުއްވުން މަނާކުރަނީ މި ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީ ކަމަށެވެ.