
މެއި މަހުގެ ދެވަނަ ދުވަހާ ހަމައަށް މިނިސްޓްރީ ފިނޭންސް އަށް 16 ސިޔާސީ މުވައްޒަފުން އައްޔަނު ކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ރާއްޖޭގައި ހިންގާ އޮންލައިން ނޫސް "އަދަދު" ނޫހުން ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ނޮވެމްބަރު 17، 2023 އިން މެއި 1، 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދުމުން ފިނޭންސުން ހާމަކުރި މައުލޫމާތުންނެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި މައުލޫމާތަށް ބަލާއިރު
މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 598،000 ރ. (ފަސް ލައްކަ ނުވަދިހަ އަށް ހާސް ރުފިޔާ) ހޭދަވެ އެވެ. އެއީ، އަހަރެއްގެ މައްޗަށް 7،176،000ރ. (ހަތް މިލިއަން އެއް ލައްކަ ހަތްދިހަ ހަ ހާސް ރުފިޔާ) އެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ އަދަދު 35 މިލިއަން ރުފިޔާ ފަހަނައަޅައި ދާނެއެވެ.
މަތި ލުއި ސަރުކާރެއް ދަމަހައްޓަން ވެރިކަމަށް އައި ސަރުކާރުން ދަނީ އެއްވެސް ހައްދެެއްނެތި މަގާމްތަކަށް މީހުން އައްޔަންކުރަމުންނެވެ. ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމްތަކުގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިހާރުވެސް އެ އަދަދު ވަނީ ފަހަނަ އަޅާގޮސްފައިކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދުގެ ވާހަކަތަކުން ވަނީ ދޭހަވެފައެވެ. އެގޮތުން ހީނާ ވަނީ ސިޔާސީ މަގާމްތަކުގެ އަދަދު 3000 އަށްވުރެ މަތި ކަމަށް ވިދާޅުވެފައެވެ.










