February 24, 2026
Advertisement
އިބްރާހީމް އަމީރް
އިބްރާހީމް އަމީރް / ސޯޝަލް މީޑިއާ

ދަރަނީގެ މައުލޫމާތާއި ސިޔާސަތު ސިއްރުނުކުރަން އަމީރު މަޖިލީހަށް ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
Aug 7, 2024, 01:49 AM
މާލެ ސިޓީ

ދައުލަތުގެ ދަރަނީގެ މައުލޫމާތާއި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުމުން އެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

އަމީރު ވިދާޅުވީ ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އަމީރު އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އޭނާ ވަޒީރު ކަމުގައި 2019 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން ދިޔައީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ ވަކި ވަކިން ބަރާބަރަށް ޝާއިއު ކުރަމުން ކަމަށެވެ.

މާލީ އަދި އިގުތިސޯދީ ކަންތައްތައް މެނޭޖު ކުރުމުގައި ސަރުކާރުގެ ގާބިލް ކަމާ މެދު އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ސިޔާސަތުތައް އެންމެންނަށް ފެންނަހެން ހާމަ ކުރުން ވަރަށް މުހިންމު ކަމަށް އަމީރު ވިދާޅުވި އެވެ.

އެ ސިއްރު ކުރުމަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ރޫހާ ވެސް ހިލާފު ކަމެއް ކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ސިއްރު ކުރަން އެދުނީ ދެ ބަޔާނެކެވެ. އެއީ ފިސްކަލް ސިޔާސަތުގެ ބަޔާނާއި ދަރަނީގެ ސިޔާސަތުގެ ބަޔާނެވެ. ގާނޫނުގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން އެ ދެ ބަޔާން ރައްޔިތުންގެ މަޖިލީހާ މިނިސްޓްރީން ހިއްސާކުރަން ޖެހޭނެ އެވެ.

ކުރިން އާއްމުކޮށް ކޮންމެ ހަފްތާއަކު ޝާއިއުކުރަމުން އައި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ޝާއިއުކުރުން މެދުކެނޑިފައިވާ ކަން ވެސް ފާހަގަ ކުރައްވައި އެ ކަމުގައި ވެސް އަމީރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved