
"ސިއްރުވެރި ދައުލަތެއް" ގާއިމުކުރުމަށް ސަރުކާރުން މިސްރާބު ޖަހާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ބޭންކުތަކުގެ ބޯޑަށް ވެސް ސަރުކާރުގެ ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމުން، އެކަމަށް ފާޑުވިދާޅުވެ ފައްޔާޒުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން އެ ކަން ނުކުރީ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ކަމަށެވެ.
ނަމަވެސް މި ސަރުކާރުގެ ކިބައިން މފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވަނީ ފައްޔާޒު ވިދާޅުވެފައެވެ.
މީގެ އިތުރުން ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް "ސިއްރުވެރި ދައުލަތެއް" ގާއިމުކުރުމަށް ސަރުކާރުން މިސްރާބު ޖަހާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީގެ ޕޮލިސީ ކަރުދާހާއި ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުގެ ބަޔާނެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ. ސަރުކާރުން ހުށަހަޅާ އެ ބަޔާންތައް ސިއްރުކޮށްދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެދިވަޑައިގެންނެވިއެވެ.
އެކަމަކީ އެތެރޭގެ އަދި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ސިޔާސަތުތަކެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
ދުޅަހެޔޮ އިގުތިސާދެއް ބިނާކުރުމަށް ކަންކަން ހާމަކުރަން ކެރެން ޖެހޭނެ އަދި އެ ހާމަކުރުމުން އަންނަ ފާޑުކިޔުންތައް އަޑު އެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުރުން ވަރަށް މުހިންމު ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.










