ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް މައްސަލަ ހައިކޯޓުން ކުރިމިނަލް ކޯޓަށް ތަހްވީލުކުރުމުން، އަލުން ބަލަން ފެށި މައްސަލައިގެ އަޑު އެހުންތައް ލައިވްކުރަން ނިންމައިފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާ ކުރިން ހުކުމްވެސް ކޮށްފައިވަނިކޮށް އެ ހުކުމް ބާތިލުކޮށް އަލުން ބެލިދާނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެގޮތުން އާރަށު މައްސަލައިގެ އަޑުން އެހުންތައް އަލުން ކުރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00ގައި ފަށަފައިވާއިރު މިއަދު އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެކެވެ.
މި އަޑު އެހުމުގައި، ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު ހަމްޒާ ލަތީފު އެދިވަޑައިގެންނެވި އެވެ. ހަމްޒާ ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން އުފުލި ހުރިހާ ދައުވާތަކެއްގެ މައްސަލަތަކުގެ ޝަރީއަތްވެސް ލައިވްކޮށް ކުރިއަށް ގެންގޮސްފައިވާތީ މި މައްސަލައިގެ އަޑު އެހުންވެސް ލައިވްކޮށް ކުރިއަށް ގެންގޮސްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމުގައި ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތުމާއެކު ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މިއަދުގެ އަޑު އެހުމުގައި އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ވާ އައު ހެކިތައް އެއް ފަރަތާތްކުރުމަށް ބުނެފައިވާ ބައި ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާކަން ދައުލަތުން ފާހަގަކުރުމުން، ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އެ ބައިތަކަށް ބަދަލު އައިސްފާނެ ކަމަށް ފާހަގަކުރައްވާ ގާޒީ ނަދީމް ވިދާޅުވީ އެ މައްސަލާގައި ދެން ހުރި ބައިތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ގާޒީ މިއަދު އަޑު އެހުން ނިންމަވާ ލެއްވީ ސެޕްޓެމްބަރު 16 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލްކުރައްވާނެ ކަމަށް އިއުލާންކުރެއްވުމަށް ފަހުއެވެ.